ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް، ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ކުރައްވާ ދަތުރުފުޅުގައި އެ ގައުމުން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާ ކުރަން ނިންމައިފިއެވެ.

ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވާނީ މާދަމާއެވެ.

ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝެއިޚް ހަސީނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގްލަދޭޝްއިން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާ ކުރުމަށް ނިންމައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ވެސް ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ. އެއީ ޓެކްސް ފައިސާއަށް މަކަރު ހެދުން ކުޑަކުރުމަށް އެހީވެދިނުމަށް ވެވޭ އެއްބަސްވުމަކާއި ދެ ގައުމުގެ ދެމެދުގައި ގައިދީން ބަދަލުކުރުމަށް ވެވޭ އެއްބަސްވުމަކާއި ސިއްހީ އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ރާއްޖެއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއިކުރާ އެއްބަސްވުމެއްގެ އިތުރުން ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީ ކުރުމަށް ވެވޭ އެއްބަސްވުމެކެވެ.

ހަމައެހެންމެ ބަންގްލަދޭޝުން ސިއްހީ ދާއިރާގެ މުވައްޒަފުން ރެކްރޫޓު ކުރުމަށް ވެފައިވާ އެއްބަސްވުން ވެސް އައު ކުރަން ވަނީ ހަމަޖެހިފައެވެ.

ބަންގްލަދޭޝްގެ ރިޕޯޓުތައް ބުނާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބާއްވަވާ ބައިލޭޓަރަލް ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަށްފަހު ދެ ބޭފުޅުން މީޑީއާއަށް މައުލޫމާތު ދެއްވަވާނެއެވެ.

ޝެއިޚް ހަސީނާގެ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އާ ވެސް ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެ މެންދުރު ފަހު އެކަމަނާ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރުކުރައްވަވާނެއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާ އޮންލައިން ކޮށް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ފުރަމާނަ ދަތުރުފުޅަށްފަހު ޝެއިޚް ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.