ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓާ ތަލްހަތު އިބްރާހީމަށް ރާއްޖޭން ބޭރަށް ވަޑައިނުގެންނެވޭނެ ގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ހިފެހެއްޓުން ފުލުހުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރައީސް ނަޝީދާއި ތަލްހަތުގެ ޕާސްޕޯޓް ކުރިން ހިފަހައްޓާފައި ވަނީ އެ ދެ ބޭފުޅުންނާއި ގުޅުން ހުރި މައްސަލައެއްގެ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލައާ ގުޅިގެން ތަލްހަތު ވެސް ހާޒިރުކޮށްފައިވާތީއާ ރައީސް ނަޝީދު ވެސް އެ މައްސަލައަށް އެއްބާރުލުން އޭރު ދެއްވާފައިނުވާތީ އިތުރަށް ރައީސް ނަޝީދު އަރިހުން ހޯދަން ޖެހޭ މައުލޫމާތެއް ނެތުމުން އެ ދެބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ހިފެހެއްޓުން ދޫކޮށްލީ ކަމަށެވެ.

" އެމައްސަލައާ އެދެބޭފުޅުންގެ ކިބައިން އިތުރަށް ސާފުކުރަންޖެހޭ ކަމެއް ނެތުމުން ޕާސްޕޯޓް ހިފެހެއްޓި ހިފެހެއްޓުން ވަނީ ދޫކޮށްލާފަ،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް ނަޝީދާ ތޮލްހަތް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފުލުހުން ބޭނުންވީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ) ގާޒީ ހައްޔަރު ކުރި މައްސަލައިގައި މައްސަލައާ ގުޅިގެންނެވެ.

ރައީސް ނަޝީދާ ތޮލްހަތް ހައްޔަރުކުރުމުގެ ކޯޓު އަމުރަކަށް ފުލުހުން އެދުމުން އެކޯޓުން ވަނީ އެފަދަ އަމުރެއް ފުލުހުންނަށް ނެރެދީފަ އެވެ. އަދި ފުލުހުން ފޮނުއްވި ޗިޓަކަށް މިދިޔަ އާދީއްތަ ދުވަހު ތޮލްހަތު ހާޒިރުވެވަޑައިގެންނެވި ނަމަވެސް އޭނާ ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފަ އެވެ. އަދި އެމައްސަލައާ ގުޅިގެން ރައީސް ނަޝީދާ އެއްވެސް ސުވާލެއް ކޮށްފަ އެއް ނުވެ އެވެ.