21 Dec 2021, 11:54
އިދާރީ ކަންކަން ނިންމުމަށް ޓަކައި ޕާކިން ސްލޮޓްގެ ގުރުނެގުން ފަސްކޮށްފިއެވެ.
މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި، އަލުން ގުރުއަތު ނަގަން ސިޓީ ކައުންސިލުން ނިންމީ މިރޭ 9:30 ގައެވެ.
ނަމަވެސް ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ގުރުއަތު ނެގުން އަންނަ މަހުގެ ފަސްވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން "ސަން"އަށް ބުނީ ގުރުނެގުން ފަސްކުރީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށް ޓަކައި ކަމަށެވެ.
ގިނަ އަދަދެއްގެ މީހުން ކުރިމަތިލާފައި ވުމުން، އިދާރީ ގޮތުން ކުރަން ހުރި ކަންކަން ވީހާވެސް ރަނގަޅަށް ކުރުމަށްޓަކައި ތާރީހު ފަސްކޮށްލީ ކަމަށާއި ސްކޫލް ބަންދުވުމުން ގިނަ މީހުން މާލޭގައި ނުތިބޭނެކަން ސިޓީ ކައުންސިލުން ފާހަގަކުރިއެވެ.
"އިދާރީ ގޮތުން ވަރަށް ގިނަ ކަންކަން ކުރާނެއެއްނޫންތޯ، 900 މީހުންގެ ނަންކޮޅު ގުޅިއަށް ލުމާ. އަނެއްކާ އެބޭފުޅުން ލައްވާ ގުޅިއަށް މި ލަނީވެސް. އެކަހަލަ ވަރަށް ބައިވަރު ކަންކަން ހުންނާނެ. ދެން އަނެއްކާ އެބޭފުޅުންގެ ނަންބަރު އެބޭފުޅުންނަށް އެނގުމާ، ކުރީބައިގަ އިއުލާނު ކުރުމާ،" ސިޓީ ކައުންސިލުން ބުންޏެވެ.
ޕާކިން ސްލޮޓްތަކުގެ ގުރު އެންމެ ފުރަތަމަ ނެގީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އެރޭ ގުރު ނެގުމުގައި ބޭނުންކޮށްފައި ވަނީ ސްލޮޓަށް ކުރިމަތިލި ސްލިޕް ނަންބަރެވެ. އެގޮތަށް ހިޔާރުކުރީ އެއް އައިޑީ ކާޑު ނަންބަރުން އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލަށް ލައިފައިވުމުން ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެރޭ ވިދާޅުވިއެވެ.
ނަމަވެސް އެ ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށް ބުނެ، ޑިސެމްބަރު ހަޔެއްގައި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިއެވެ.
ގުރުއަތު ނެގުމުގައި ކައުންސިލަށް ވެސް އަދި އޭސީސީން ވެސް، އިދާރީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަ ކުރެވުނު ކަމަށް މާލޭ މޭޔަރު މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވިއެވެ. ނަމަވެސް ގުރު ނެގުމުގައި ކޮރަޕްޝަންގެ މައްސަލައެއް ހުރިކަމަށް އޭސީސީން ފާހަގަކޮށްފައިނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.