21 Dec 2021, 02:08
ޕްރެޒިޑެންޓްސް ކަޕްގެ ހަތަރުވަނަ މެޗުގައި ޒުވާން ޓީމަކާއެކު މުބާރާތަށް ނުކުތް، ޓީސީ ސްޕޯޓްސް ކުލަބުން ވަރުގަދަ
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗު ޓީސީއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިން އީގަލްސްގެ ކުރިހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބިފައިބަނީ ޕެނަލްޓީއަކުން، ޓީސީއަށް ގޯލު ކާމިޔާބުކޮށްދިން ހަސަން އީނާޒެވެ.
މިރޭގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. މެޗުގެ 20ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނަގަން ފުރުސަތު ލިބުނީ އީގަލްސްއަށެވެ. އީގަލްސްގެ އަހުމަދު ހައްސާނު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޓީސީގެ ކީޕަރު އިމްއާން އާދަމް ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ޓީސީއަށް ގޯލު ޖެހުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޓީސީގެ އަހުމަދު މާއިޝް މައުސޫމް އީގަލްސްގެ ދެ ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު، ބޯޅަ މާ ބޮޑަށް ކުރިއަށް ޖައްސާލެވުމުން އީގަލްސް ގެ ކީޕަރު ވަނީ ބޯޅަ ހޯދާފައެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑު ނުޖެހިއެވެ.
ދެވަނަ ހާފު ފަށަައިގެން ވިހި މިނެޓު ކުޅެވުނު އިރު ވެސް އެއްވެސް ޓީމަކަށް ގޯލާ އަމާޒުވާގޮތަށް އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ޓީސީގެ ޒުވާން ހުނަރުވެރި އަހުމަދު މައިޝް ރަޝީދު ވަނީ މިރޭގެ މެޗުގައި ތަފާތު ދައްކާ އީގަލްސްގެ ފޯވާޑުން ވަރަށް ރަނގަޅަށް މާކުކޮށް ރީތި ކުޅުމެއް ކުޅެފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި އީގަލްސްގެ ހުސައިން އަހުސަމް ފޮނުވާލި ބޯޅަ ދިޔައި ގޯލާ ވަރަށް ކައިރިން ބޭރަށެވެ.

ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ / ޕްރެޒިޑެންޓް ކަޕް
ދެވަނަ ހާފުގެ 78ވަނަ މިނެޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އެރި އަބްދުލް ވާހިދު ދެ ކުޅުންތެރިން ކައިރިން ބީޓުކޮށްލުމަށްފަހު، ދަނިކޮށް އީގަލްސްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ޓިސީއަށް ވަނީ ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ގޯލުގެ މަތީ ކަނަށް ފޮނުވައިލައިގެން ޓީސީއަށް ލީޑު ނަގައިދިނީ އީނާޒެވެ. ޓީސީއަށް އީނާޒް ލީޑު ނަގައިދިނީ މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ.
މިރޭގެ މެޗުން ޓީސީ މޮޅުވި ނަމަވެސް މި ދެ ޓީމު އެންމެ ފަހުން ޕްރެޒިޑެންޓް ކަޕްގެ ފައިނަލްގައި ބައްދަލުކުއިރު އީގަލްސް އިން ޓީސީ ބަލިކޮށް މުބާރާތުގެ ތަށި ވަނީ އުފުލާލައިފައެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެޒިޑެންޓްސް ކަޕް ކުޅޭއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ގްރީން ސްޓްރީޓްސް އިން 0-5 ގެ ނަތީޖާއިން ދަ ގްރާންޑޭ ވަނީ ބަލިކޮށްފައެވެ. ރޭ ވެލެންސިއާ އިން 5-0 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކުރިއިރު، މިއަދު ހަވީރު މާޒިޔާ އިން ވަނީ 2-0 ގެ ނަތީޖާއިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބަލިކުރިއެވެ.