07 Mar 2012, 15:11
މިހާރު މާލޭގައި ހަމަނުޖެހުންތައް ހިންގަމުންދާ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އޮތީ ހުރިހާ ފުލުހުން މަގުމަށްޗަށް ނެރެގެން ނަމަވެސް ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ރޫހުގައި ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ފަރާތުން އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝަމީމް މިއަދު ވިދާޅުވީ މާލެތެރޭގައި މިހާރު ކަންކަން ހިގަމުންދާގޮތުން ފުލުހުން މިހާރު ތިބީ ހުރިހާ ފުލުހުން މަގުމަތީގައި ބައިތިއްބައިގެން ވެސް ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ރޫގުގައި ކަމަށެވެ.
"މިހާރު މިކަންތައްތައް ހިނގާ ގޮތަށް ބަލާއިރު އަޅުގަނޑުމެން މިތިބީ މޯލްޑިވްސް ޕޮލިސް ސާވިސް ގެ ހުރިހާ ފުލުހުން މަގުމަތީގައި ބައިތިއްބައިގެން ވިޔަސް މިކަންކަން ހުއްޓުވުމުގެ ރޫހުގައި. އެކަންކަން ހުއްޓުވުމުގެ ރޫހުގައި ރެއިން ފެށިގެން ވާނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފަ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މާލޭގައި ފަހަކަށް އައިސް ހިންގަމުންދާ ހަމަނުޖެހުންތަކަކީ ވަރަށް ބޮޑަށް ރާވައިގެން ހިންގާ ހަމަނުޖެހުންތަކެއް ކަމަށާއި، އެކަންކަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
"މާލެތެރޭގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ ވަރަށް ބޮޑަށް ރާވައިގެން ހިންގާ ހަމަނުޖެހުންތަކެއް މިކަންކަން ރޭވުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މެދު މޯލްޑިވްސް ޕޮލިސް ސާވިސް އިން ފިޔަވަޅު އަޅާނަން،" ޝަމީމް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ކުށްކުރުމަށްފަހު ފުލުހުންނަށް ފިލައިގެން ނޫޅެވޭނެ ކަމަށާއި، ކުށްކުރާ ފަރާތްތައް ހައްޔަރުކޮށް އިންސާފުގެ ކުރިމަށްޗަށް ގެންނާނެކަމަށާއި އެފަދަ ފަރާތްތައް ހޯދަން ރެއިން ފެށިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނޫ އަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ މުޒާހަރާ ކުރުމުގެ ހައްގަކަށް ފުލުހުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި މުޒާހަރާ ކުރާފަރާތްތަކުން ސެކިއުރިޓީ ލައިންގެ ތެރެއަށް ވަދެގަންނަނަނީ މުޒާހަރާ ކުރުމުގެ ރޫހާއި ޚިލާފަށް ކަމަށާއި ރައީސުޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅާއި، ކޯޓުތަކާއި ރައީސް އޮފީސް ހިމެނޭ ސަރަހައްދަށް އެއްވެ މުޒާހަރާކުރުމުގެ ހުއްދަ ދެވެން ނޯންނާނެ ކަމަށެވެ.
ފުލުހުން މިއަދު ބުނީ ރައީސް އޮފީސް ކައިރީ އިއްޔެ މެންދުރު މުޒާހަރާ ކުރި އެމްޑީޕީގެ އަންހެނުންގެ ގަޔަށް ފެންޖަހައި މުޒާހަރާ ރޫޅާލާފައި ވަނީ އެތަން ދޫކޮށްދިޔުމަށް ތަކުރާރުކޮށް އެންގުމުންވެސް އެތަނުން ނުދިޔުމުން ކަމަށާއި ކަރުނަގޭހާއި، ޕެޕަސްޕްރޭ ބޭނުންކުރުމުގެ ބަދަލުގައި ފެންޖަހައިގެން އެ މުޒާހަރާ ރޫޅާލީ ކަރުނަގޭހާއި، ޕެޕަސްޕްރޭ އާއި ކަރުނަގޭސް ބޭނުންކުރުމުން މުޒާހަރާގެ ބައިވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިދާނެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އެކަށީގެން ނުވާމިންވަރަށް ފުލުހުން ބާރުގެ ބޭނުން ކުރާކަމަށް ފާހަގަ ކުރެވޭނަމަ އެކަމެއް ބެލުމަށްފަހު ފުލުހުންނަށް ހުށަހެޅުމުން އެކަން އިސްލާހު ކުރާނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ލޮނުޒިޔާރަތްކޮޅަކީ ފުލުހުންނަށް ނުވަދެވޭނެ ތަނެއް ނޫންކަމަށާއި، ފުލުހުން ބޭނުންއިރަކު ލޮނުޒިޔާރަތްކޮޅަށް ވަދެ އެތަން ޗެކްކުރާނެ ކަމަށެވެ.