20 Dec 2021, 12:01
މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސްއަށް އެރި ނުރައްކާތެރި ތޫފާނުގައިި 208 މީހުން މަރުވެއްޖެއެވެ.
ބޭރުގެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން މިއީ މި އަހަރު ތެރޭގައި ފިލިޕީންސްއަށް އެރި އެންމެ ބޮޑު ތޫފާނެވެ. މި ތޫފާނަށް "ޓައިފޫން ރާއީ"ގެ ނަން ދީފައިވާއިރު ފިލިޕީންސްގެ ނެޝަނަލް ޕޮލިސް އިދާރާއިން ބުނީ އެ ތޫފާނުގެ ސަބަބުން މިހާތަނަށް 52 މީހުން ގެއްލިފައިވާ ކަމަށެވެ. އަދި 239 މީހަކަށް ބޮޑެތި އަނިޔާތައް ލިބިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ތޫފާނާއެކު ފިލިޕީންސްގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑި، މުއާސަލާތު ކުރުމަށް ބުރޫ އަރާފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކަށް އެހީ ފޯރު ކޮށްދިނުމުގައި ދަތިތަކާ ކުރިމަތި ލާން ޖެހިފައިވާ ކަމަށް ފިލިޕީންސްގެ ރެސްކިއު ޓީމުތަކުން ބުންޏެވެ.
ފިލިޕީންސްގެ އެކި ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވާއިރު، މި ތޫފާނުގެ ސަބަބުން ފިލިޕީންސްއަށް ލިބިފައިވާ ގެއްލުން 4.2 މިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބައެއް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.
ޓައިފޫން ރާއީގެ އަސަރު މިހާރު ކުޑަވެފައިވާއިރި މި ތޫފަނުގެ މިސްރާބު ހުރީ ޗައިނާގެ ކަނޑުގެ އުތުރުން ވިއެޓްނާމްއާ ދިމާއަށެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މި ތޫފާނުގެ ބާރު ކުޑަ ވާނެ ކަމަށް ލަފާ ކުރެވެއެވެ.
ތޫފާން ރާއީގެ ސަބަބުން ފިލިޕީންސްގައި ދިވެހިން ދިރިއުޅެމުންދާ ސަރަހައްދުތަކުން ފެނާއި ކަރަންޓު ވަނީ ކެނޑިފައެވެ. އަދި ކާބޯތަކެތި ލިބުމުގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ.
އޭގެ ސަބަބުން، ފިލިޕީންސްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން މީގެ ކުރިން ފޮރިން މިނިސްޓްރީން ބުނީ، އެގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ގާތުން ބަލަމުންދާ ކަމަށާއި، ހުރިހާ ދަރިވަރުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ ޖޮއިންޓް ޓައިފޫން ވޯނިން ސެންޓަރު (ޖޭޓީޑަބްލިއުސީ) އިން ވަނީ ތޫފާން ރާއީ އަކީ "ސުޕަ ޓައިފޫން" އެއް ކަމަށް ކަނޑައަޅާފައެވެ. އެ ތުފާނުގެ ސަބަބުން މިހާތަނަށް ތިން ލައްކައެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކައް ގެންގޮސްފައެވެ.