07 Mar 2012, 14:51
ސާބިތު ދަރަންޏެއްގެ އޮތް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ގެއްލިފައިވާ މުހައްމަދު މުސްތޮފާގެ މައްޗަށް ޝާބިތުވެފައިވާ ދަރަނީގެ ފައިސާ ސިވިލް ކޯޓުން ބަލައި ނުގަތުމުން އެފައިސާއާ މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްއެމްއޭ) އިން ހަވާލުވެއްޖެ އެވެ.
މުސްތަފާގެ ކެންޕޭން އެޖެންޓް އަބްދުﷲ ޖަމީލް ވިދާޅުވީ ވިދާޅުވީ މުސްތަފާގެ މައްޗަށް ދަރަނީގެ ގޮތުގައި ސާބިތުވެފައިވާ 31،231.66 ޑޮލަރަށްވާ 4،013،26.83ރ އެމްއެމްއޭއަށް ހަވާލުކުރުމަށް ނިންމީ ސިވިލް ކޯޓަށް މިއަދު އެފައިސާ ގެންދިއުމުން އެފައިސާއަކީ އެކޯޓުން ހަވާލުވާން ޖެހޭ އެއްޗެއްކަން ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމުން ވެސް އެނގެން ނެތް ކަމަށް ބުނެ ފައިސާއާ ހަވާލުނުވުމުން ކަމަށެވެ.
ޖަމީލް އަދި ވިދާޅުވީ އެމްއެމްއޭއަށް ފައިސާ ޖަމާކުރި ކަމުގެ ރަސީދު ވެސް މިހާރު ލިބިފައިވާތީ ތިމަރަފުށީގެ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޕްރައިމަރީސްގައި މުސްތަފާއަށް ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ.
" މުސްތަފާއަށް އެމްޑީޕީގެ ޕްރައިމަރީގައި ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން މިހާރު މިވަނީ ލިބިފައި. އަޅުގަނޑުމެންގެ އަތުގައި މިހާރު އެބައޮތް އެމްއެމްއޭއިން އެ ފައިސާ ބަލައިގެން ކަމުގެ ރަޝީދު،" ޖަމީލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ މުސްތަފާގެ މައްޗަށް ސާބިތުވެފައިވާ މި ފައިސާއަކީ ރާއްޖޭގައި ކުރިން ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާގެ ހިއްސާ އޮންނަ ސީފުޑް އިންޓަނޭޝަލްއިން ނެގި ލޯނުގެ ތެރެއިން އެ ބޭންކް އުވިގެން ދިޔައިރު ނުދައްކާ އޮތް ފައިސާ ކަމަށް މަދަނީ ކޯޓުން 26 އޮގަސްޓް 1997 ގައި ކޮށްފައިވާ ހުކުމުން އޮޅުމެއް ނެތް ގޮތުގައި އެނގެން އޮތް ކަމަށެވެ.