މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި، މާދަމާރޭ އަލުން ގުރުއަތު ނަގަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަލުން ގުރު ނެގުން އޮންނާނީ މާދަމާރޭ 9:30 ގައި ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިގައިކަމަށެވެ. އަދި ޕާކިން ސްލޮޓްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅި ހުރިހާ މީހުންނަށް އެ ގުރުއަތު ލުމުގައި އަމަލީ ގޮތުން ބައިވެރިވުމަށް ދައުވަތު ދޭ ކަމަށެވެ.

ޕާކިން ސްލޮޓްތަކުގެ ގުރު އެންމެ ފުރަތަމަ ނެގީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އެރޭ ގުރު ނެގުމުގައި ބޭނުންކޮށްފައި ވަނީ ސްލޮޓަށް ކުރިމަތިލި ސްލިޕް ނަންބަރެވެ. އެގޮތަށް ހިޔާރުކުރީ އެއް އައިޑީ ކާޑު ނަންބަރުން އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލަށް ލައިފައިވުމުން ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެރޭ ވިދާޅުވިއެވެ.

ނަމަވެސް އެ ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށް ބުނެ، ޑިސެމްބަރު ހަޔެއްގައި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިއެވެ.

އެކަމާ ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހު އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ، ގުރު ނަގާއިރު، ގުރުގައި ބައިވެރިވި މީހުންނަށް ހާޒިރު ނުވެވޭ ގޮތަށް އެކަން ކުރިއަށް ގެންދިއުމަކީ އައިބު ކަމެއް ކަމަށެވެ.

އެހެންކަމުން މާލެ ސިޓީ ކައުންސިލުން ގުރުނެގީ، އެކަމަށް ކުރިމަތިލި މީހުންނަށް ނާންގައި، އެމީހުން ހާޒިރު ކުރުމަކާ ނުލައި ކަމަށާއި ގުރުގެ ސައްހަކަމާއި ނަޒާހާތްތެރިކަން ކަށަވަރު ނުވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ވިދާޅުވީ ގުރުއަތު ނެގުމުގައި މައްސަލަތަކެއް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމާ ގުޅިގެން އަލުން ގުރުއަތު ނަގަން ސިޓީ ކައުންސިލުން ނިންމައިފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ގުރުއަތު ނެގުމުގައި ކައުންސިލަށް ވެސް ފާހަގަވީ، އަދި އޭސީސީން ވެސް ފާހަގަކުރީ އިދާރީ މައްސަލަތަކެއް ހުރި ކަމަށެވެ. ގުރު ނެގުމުގައި ކޮރަޕްޝަންގެ މައްސަލައެއް ހުރިކަމަށް އޭސީސީން ފާހަގަކޮށްފައިނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.