07 Mar 2012, 14:22
ޝަރުއީ ހުކުމެއްގެ ދަށުން އެކި ފަރާތްތަކުން ސިވިލް ކޯޓަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެކޯޓަށް އެ ފައިސާއެއް ބަލައިގެންނާނީ އެ ކޯޓްގެ ގަޟޒިއްޔާއެއްގެ ދަށުން ނުވަތަ އެހެން ކޯޓެއްގެ ގަޒިއްޔާއެއްގެ ދަށުން ނަމަވެސް އެކޯޓަށް ދެއްކުމަށް އެ ގަޒިއްޔާއެއްގައި ހުކުމްކޮށްފައިވާ ފައިސާ އެކަނި ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.
އެކޯޓުން މިހެން ބުނެފައިވަނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން މިއަދު ހެނދުނު މުސްތަފާގެ ފަރާތުން ފައިސާ ހިފައިގެން ސިވިލް ކޯޓަށް އެޖެންޓަކު ދިއުމުން އެކޯޓުން އެފައިސާ ހަވާލުވެފައިނުވި ސަބަބު ބަޔާކޮށް އެކޯޓުން މިއަދު ނެރެފައިވާ ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަކީ ސިވިލް ކޯޓުގެ ގަޒިއްޔާއަކަށް ރައްދުވާ ހުކުމެއް ކަމުގައި ވީނަމަވެސް ސިވިލް ކޯޓުގެ އެ ގަޟިއްޔާގަ ވެސް އަދި ސުޕްރީމް ކޯޓުގެ ގަޟިއްޔާގައި ވެސް މުސްތަފާގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ ފައިސާ ސިވިލް ކޯޓަށް ދައްކަން ޖެހޭ ކަމަށް ހުކުމްގައި ކަނޑައަޅާފައިނުވާ ކަމަށެވެ.
ސިވިލް ކޯޓުން ބުނެފައިވާ ގޮތުގައި އެފައިސާ އެކޯޓަށް ބަލައިގަނެވެން ނެތް ކަމަށް މިއަދު މެންދުރު އެކޯޓުގައި މުސްތަފާއާ އެކު ބޭއްވި ބައްދަލުވުމެއްގައި މުސްތަފާ އަންގާފައިވާ ކަމަށެވެ.
ތިމަރަފުށީގެ ދާއިރާގެ ގޮނޑި ކުރިން ފުރުއްވަމުން ދިޔަ މުސްތަފާގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި 4،013.26.83ރ ގެ ދަރަންޏެއް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވީނަމަވެސް އެފައިސާ ދައްކަން ޖެހޭ ތަނެއް ހުކުމްކޮށްފަ އެއް ނުވެ އެވެ.