އެމްޓީސީސީގެ މަސައްކަތްތައް ކުރިއަށް ދަނީ ފަތުއަޑުކިޔާފައި ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެވެ.

މިރޭ ބޭއްވި އެމްޓީސީސީގެ 41 ވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެ ކުންފުނިން ހިންގާ ކާމިޔާބު މަޝްރޫއު ތަކުގެ ހަގީގީ ހިއްސާދަރުންނަކީ ހީވާގި މުވައްޒަފުން ކަމަށެވެ.

"އިންސާނުން 24 ގަޑިއިރު ހިނގަހިނގާ ހުންނަ މެޝިނުތަކެއް ފަދައިން މަސައްކަތްކުރާ ވާހަކަ އަކީ މިޒަމާނުގައި އިވުން ވަރަށް ނާދިރު އަޑެއް. އެކަމަކު މި ނާދިރު އަޑާއި މަންޒަރަށް މި މުޅި ރާއްޖެ ހެކިވޭ. ކުންފުނިން މުޅި ރާއްޖޭގައި ހިންގާ މަޝްރޫއު ތަކުގައި ޓީމް އެމްޓީސީސީ ގެ މެންބަރުން މިއަދު މަސައްކަތް ކުރަމުން އެ ގެންދަނީ އެ ގޮތަށް،" އާޒިމް ވިދާޅުވިއެވެ.

މުވައްޒަފުންގެ ހިތްވަރުން ކުރިން އެމްޓީސީސީން ހިންގާ މަޝްރޫއުތަކުގެ ސްޕީޑް ބޮޑުތަނުން އަވަސްކުރެވިފަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކުރިން ތިން އަހަރުން ނިމިގެންދާ ބަނދަރުގެ މަޝްރޫއުތައް އަހަރެއްހާ ދުވަހުން ނިމޭއިރު، ތިން އަހަރުން ނިމޭ އެއާޕޯޓްގެ މަޝްރޫއުތައް 18 މަސްދުވަހުން ނިންމާލެވުމަކީ މިކަމުގެ ހެއްކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ކާމިޔާބީގެ ފަހަތުގައި ވަނީ މުވައްޒަފުންގެ ހިތްވަރާއި ވަޒީފާއަށް ފަރުވާތެރިވާ ފަރުވާތެރިވުންކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

"މިއީ ވެރިން ފެށިގެން އެއް ގަޑިއަކަށް ހެނދުނު 8 ޖަހާއިރު އޮފީހަށް ހާޒިރުވެ މަސައްކަތުގައި އަވަދިނެތި އުޅޭ ކުންފުންޏެއް. އަޅުގަޑުމެންގެ މުވައްޒަފުންނަކީ ޑިއުޓީ ގަޑީގަ ކޮފީއަށް ނިކުންނަ ވަގުތު އޮންނާނެ ބައެއް ނޫން،" އާޒިމް ވިދާޅުވިއެވެ.

މަގާމަށް އެންމެ އެކަށޭނަ މުވައްޒަފުން އެ ކުންފުނީގައި ތިބުމާއި މަސައްކަތުގެ މާހައުުލުގައި ހަރުދަނާ އުސޫލްތައް ތަންފީޒު ކުރުމަކީ ކުންފުނި ހަލުވިދުވެލީގައި ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

"މި ކުންފިނި ހިނގަމުން މިދަނީ ހަރުދަނާ އުސޫލުތަކެއް އެކަށަ އެޅި ބަރާބަރަށް މޮނީޓާ ކުރެވޭތީ. އަދި ހާއްސަކޮށް މުވައްޒަފުން އެގޮތަށް ބޭނުނުވާތީ،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 65 ރަށެއްގެ ބަނދަރު ހެދިއިރު ހަތަރު އެއާޕޯޓާއި ހަތަރު ޕޯޓު ވަނީ ކަމިޔާބު ކަމާއެކު ނިންމާލައިފައެވެ. މިހާރުވެސް 64 މަޝްރޫއެއްގެ މަސައްކަތްދަނީ ހަލުވި ދުވެލީގައި ކުރަމުންނެވެ. މިދިޔަ އަހަރު 200 މިލިއަނުގައި ހުރި ކުންފުނީގެ ފައިދާ 250 މިލިއަނަށް ވަނީ މި އަހަރު އިތުރުކުރެވިފައެވެ.