19 Dec 2021, 23:10
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަކީ ރައްޔިތުންގެ ލޯތްބާއި އިތުބާރާއި ޔަގީންކަން ލިބިފައިވާ ކުންފުންޏެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ހެންވެއިރު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފާއިތުވީ ދެ އަހަރަކީ އެމްޓިސީސީގެ ތާރީހުގައި ވެސް އެންމެ ހަރަކާތްތެރި ދެ އަހަރުގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.
"ހަގީގަތުގައި މިރޭ މި ފާހަގަކުރެވެނީ މިވޭތުވެދިޔަ ދެ އަހަރު ތެރޭގައި ހޯދައިފައިވާ ކާމިޔާބު ކަމާމެދު އަޅުގަނޑުމެން ޝައްކެއް ނުކުރަން، އެމްޓީސީސީގެ ހަޔާތުގައި ވެސް އައި އެންމެ ހަރަކާތްތެރި، އަދި އެންމެ ކާމިޔާބު ދުވަސްވަރަކީ މިދިޔަ ދެ އަހަރު،" ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީއޭ ބުނުމުން މިއަދު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުންފުންޏާ ހަވާލުކުރާ ކޮންމެ މަސައްކަތެއް ވެސް އެ ނިންމަން ޖެހޭ ވަގުތަށް ނިންމައިދޭނެ ކަމުގެ ޔަގީން ކަން އޮންނަ ކަމަށެވެ.
"މިއީ މިއަދު އެމްޓީސީސީއާ މެދު ހިތްތަކުގައި އޮތް ޔަގީންކަން. ރައްޔިތުންގެ ހިތްތަކުން އެމްޓީސީސީން ވަނީ އިތުބާރާއެކު ޖާގަ މިއަދު ހޯދާފަ،" ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީން ފާއިތުވީ ދެ އަހަރު ހޯދައިފައިވާ ކާމިޔާބީ ފާހަގަކުރައްވައި ރައީސް ވަނީ ކުންފުނީގެ ބޯޑާއި ވެރީންގެ އިތުރުން މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޓީސީސީއަކީ ހަމައެކަނި ކަނޑުއުޅަނދު ފަހަރު ދުއްވާ ކުންފުންޏެއް ނޫންކަމަށާއި މިއީ ރާއްޖޭގެ އަދި ވަކީން ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށެވެ. އަދި ތަރައްގީގެ ފަރަގު ނައްތާލުމަށް ޓަކައި ހިންގަންޖެހޭ އަސާސީ ކަންކަން ފުރިހަމަކުރުމުގައި އެންމެ މުހިންމު މަޝްރޫއުތަކެއް ހިންގަމުން އަންނަނީ އެމްޓީސީން ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލެއާއި ރަށްރަށުގެ ތަރައްގީގެ ފަރަގު ނައްތާލައި، އަސާސީ ހިދުމަތްތައް ހޯދުމަށް މާލެ އަންނަން ޖެހުން ބަދަލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. ކޮވިޑް-19 ދުވަސްވަރު މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ދަތުރުފަތުރުގެ ހިދުމަތަކީ އަސާސީ އެންމެ މުހިންމު ހިދުމަތްކަން ފާހަގަކުރައްވައި ރައީސް ވަނީ ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމްޓީސީސީއާ ބޮޑު މަޝްރޫއުއެއް ހަވާލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
މި މަޝްރޫއުގެ ދަށުން ޒޯން އެކެއްގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ހިދުމަތް ފެށުމަށް، އެ ކުންފުނިން ތައްޔާރުވަމުން އަންނައިރު، އެއާއެކު ވަޒީފާގެ އެކި ފުރުސަތުތައް ހުޅުވާލެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.