ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޕްރޮޖެކްޓްތަކުގެ މަސައްކަތައް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ބައްލަވާލައްވާ އެތަންތަނާބެހޭ މައުލޫމާތު ހޯއްދަވައިފި އެވެ.

މިއަދު ހެނދުނު ހުޅުމާލެއަށް ރައީސް ޑރ. ވަހީދު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ހުޅުމާލޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިސް ބޭފުޅުންނެވެ.

ރައީސް ވަހީދު ފުރަތަމަ ވަޑައިގެންނެވީ ޗައިނާގެ ނޭޝަނަލް މެޝިނަރީ އެންޑް އިކުއިޕްމަންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ފަރާތުން ހަދަމުން އަންނަ 1000 ހައުސިން ޔުނިޓްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށެވެ. އޭގެ ފަހުން ފަހުން ޕްރުކްސާ އެޗްޑީސީ ހައުސިން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ވެސް ބައްލަވާލެއްވެވި އެވެ.

އަދި އެޗްޑީސީގެ ފަރާތުން އިމާރާތްކޮށްފައިވާ ރޯހައުސްތަކަށް ވަޑައިގެން އެތަނުގެ މަސައްކަތައް ބައްލަވާލައްވާ މައުލޫމާތު ހޯއްދެވި އެވެ.

ރައީސް ވަހީދު މިއަދު ހުޅުމާލެއިން ވަޑައިގެންނެވުމުން ބަޔަކު ނުކުމެ އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާކޮށް އަޑު އުފުލި އެވެ. އެހެން ނަމަވެސް އެއްވެސް ހަމަ ނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

މިއީ ރައީސް ވަހީދު ވެރިކަމާ ހަވާލުވެޑައިގަތުމަށްފަހު ހުޅުމާލެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.