ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ކުލަބު ގްރީސް ސްޓްރީޓްސް އިން ބޮޑު ތަފާތަކުން ދް ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށްފިއެވެ.

ޕްރެޒިޑެންޓްސް ކަޕް އެންމެ ފަހުން ބޭއްވީ 2017ވަނަ އަހަރުގައެވެ. މި މުބާރާތް އެންމެ ފަހުން ތިން ސީޒަނުގައި ވެސް ނުބޭއްވުނީ ކޮވިޑްގެ ސަބަބުންނާއި އެނޫންވެސް އެކި ސަބަބުތަކާ ހުރެ ސީޒަން ކުރުކޮށްލަން ނިންމުމުންނެވެ. މިރޭގެ މެޗުން ގްރީން ސްޓްރީޓްސްއަށް ލިބުނު މޮޅާއެކު މިއީ އެ މުބާރާތުގައި އެކުލަބަށް ލިބުނު ފުރަތަމަ މޮޅެވެ. މި މުބާރާތުގައި ވާދަކުރަން ހަމަޖެހިފައިވަނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ޓީމު ތަކެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ގްރީން ސްޓްރީޓްސް އިން ކާމިޔާބުކުރީ 0-5 ގެ ނަތީޖާއިން ގްރާންޑޭގެމައްވަށް ކުރިހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބިފައިބަނީ ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ)އަށެވެ.

މިއަދުގެ މެޗުގައި ގްރީން ސްޓްރީޓްސްއިން ލީޑު ނެގީ އަބްދުﷲ ޔާމީން މެޗުގެ 10 ވަނަ މިނެޓުގައެވެ. އެ ގޯލު ވަނީ ދަ ގްރާންޑޭގެ ޑިފެންޑަރު އަހުމަދު ނައުފަލުގެ ބޮލުގައި ޖެހިފައެވެ. ފުރަތަމަ ހާފުގައި ދަ ގްރާންޑޭ އިން ހަމަލާތައް އުފެއްދި ނަމަވެސް ގްރީން ސްޓްރީޓްސް ގެ ކީޕަރު ވަނީ ހަމަލާތައް ދިފާއު ކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުން ވެސް ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސް އަށް ލީޑު ފުޅާ ކޮށްދިނީ މެޗުގެ 60 ވަނަ މިނެޓުގައި އަންކޮ ފޮނުވާލި ހިތްގައިމު ހަމަލާއިންނެވެ. އޭގެ އަށް މިނެޓު ފަހުން ގްރީން ސްޓްރީޓްސް އިން މެޗުގެ ނަތީޖާ 0-3 އަށް ބަދަލުކުރިއެވެ. ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ ގޯލުގެ ދުރު ކަނަށް ފޮނުވާލި ހަމަލާއިން މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔާނު އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ / ޕްރިޒިޑެންޓްސް ކަޕް

އޭގެ ދެ މިނެޓު ފަހުން ގްރީން ސްޓްރީޓްސް އަށް ހިލޭ ޖެހުމެއް ލިބުނެވެ. ޔާނު ނަގައިދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލަ ދިނީ މުހައްމަދު ސާއިފެވެ. މިއަދުގެ މެޗުގައި އެންމެ ހިތްގައިމު ގޯލެއް ޖަހާފައިވަނީ މެޗިގެ 76 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ އޭރިއާ ބޭރުން ބާރު ސްޕީޑްގައި ފޮނުވާލި ހަމަލާއިން ގްރީން ސްޓްރީޓްސްގެ ރިލްވާން ވަހީދެވެ. ފަހު ފަނަރަ މިނެޓުގައި ދަ ގްރާންޑޭ އިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކުރިނަމަވެސް ގްރީން ސްޓްރީޓްސް ގެ ޑިފެންދަރުން ވަނީ އެހަމަލާތައް ހުއްޓުވާފައެވެ.

މި މުބާރާތުގެ ދެވަނަ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ކުލަބު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީއެވެ. މި މުބާރާތުގެ ތަށި އެންމެ ފަހުން ކާމިޔާބު ކޮށްފައިވަނީ ނިއު ރެޑިއެންތް ސްޕޯޓްސް ކުލަބުންނެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތުގައި އެކުލަބުން ބައިވެރިވެފައެއް ނުވެއެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ބާއްވާ އެންމެ ފުރަތަމަ މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕެވެ. އަދި މި އަހަރުގެ ސީޒަން ފެށުމުގެ ގޮތުން ޗެރިޓީ ޝީލްޑްގެ ނަމުގައި މެޗެއް ކުޅެފައެވެ. އެ މެޗުގައި ކުލަބު ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރިއިރު އެ މެޗު ކާމިޔާބު ކުރީ މާޒިޔާ އިންނެވެ.