19 Dec 2021, 20:33
އިދިކޮޅު ޕީޕީއެމް، ޕީއެންސީން އަވައްޓެރި އިންޑިއާއާ ދެކޮޅަށް ކުރަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަކި ވަކި ފަރުދުންގެ މަދު ބަޔަކާއި މަދު ސިޔާސީ ޝަހުސިއްޔަތެއްގެ ފަރާތުން ރާއްޖޭގެ އެންމެ ގާތް އެއް ބައިލެޓަރަލް ބައިވެރިޔާ ކަމުގައިވާ އިންޑިއާއާމެދު ނަފްރަތު އުފެއްދުމަށްޓަކައި، މަގުފުރެދިފައިވާ އަދި ސާބިތު ނުހިފޭ މައުލޫމާތު ފެތުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއީ ދިވެހި ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ދިފާއުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މި ހައްގުތައް ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި ހިފަންޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.
އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގާތް ގުޅުމާމެދު ނަފްރަތު އުފައްދައި، ދޮގު ތުހުމަތުތައް ކުރުމަކީ، ހަމައެކަނި ދިވެހި ރައްޔިތުންނަށް އަބަދުވެސް އެއްބާރުލުން ދޭ، އިތުބާރުކުރެވޭ އެކުވެރި ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވެގެންދާ ކަމެއް ނޫންކަމަށް ފާހަގަކޮށްފައިވެއެވެ.
މިކަމަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އަސަރުކުރާކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
"ބައިނަލްއަގްވާމީ ހުރިހާ ބައިވެރިންނާއެކު ޒަމާނުއްސުރެ އޮންނަ ގުޅުން ބިނާވެފައިވަނީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި، އެއް ގައުމު އަނެއް ގައުމަށް އިހުތިރާމްކުރާ، އެއް ގައުމުން ބައިނަލްއަގްވާމީ މައިދާނުގައި ހެދޭ އެއްބަސްވުންތަކަކީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ މިނިވަންކަމަށް އެއްވެސް ބުރުލެއް ނާރާނެ އަދި އެއްވެސް ކަހަލަ އުނިކަމެއް އަންނާނެ މުޢާމަލާތްތަކެއް ނޫން," ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ އިދިކޮޅުން ބުނަމުން އަންނަ ވާހަކަތަކާ ހިލާފަށް ހަގީގަތުގައި އެ އެއްބަސްވުންތަކަކީ ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވައި، ރާއްޖޭގެ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަންކަން ކަމަށެވެ.
އެހެންކަމުން ސިޔާސީ މީހުން ވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް ބުރޫއަރާފަދަ ދޮގު ވާހަކަތައް ނުފެތުރުމަށާއި، ބައިނަލްއަގްވާމީ މުޖްތަމައާއެކު އޮންނަ ގާތް ގުޅުމަށް ބުރޫއަރާފަދަ ވާހަކަތައް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި، އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރުމަށް ގޮވައިލައި އިދިކޮޅު ކޯލިޝަނުން އަންނަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިން ހަރަކާތްތަކެއް ރާއްޖޭގައި ކުރިއަށް ގެންދަމުންނެވެ.