19 Dec 2021, 16:20
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވާތީ، އެކަމަނާއަށް ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ދައުވަތު ދިނުމާ ބެހޭ ގޮތުން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.
ދައުރުން ބޭރު ޖަލްސާ މާދަމާ ހެނދުނު 11:00 އަށް ތާވަލުކޮށް، ޖަލްސާގެ އެޖެންޑާ މިހާރު ވަނީ އާންމުކޮށްފައެވެ. ޖަލްސާގެ އެޖެންޑާގައި ވަނީ މަޖިލީހަށް ޒިޔާރަތް ކުރެއްވުމަށާއި ތަގުރީރު ކުރެއްވުމަށް ޝައިހް ހަސީނާއަށް ދައުވަތު ދިނުމާ ބެހޭ މައްސަލައެއް ހުށަހަޅަން ނިންމައިފައެވެ.
ބަންގްލަދޭޝްގެ ދަ ބިޒްނަސް ސްޓޭންޑާޑް ނޫހުގައިވާ ގޮތުން ދެ ދުވަހުގެ ދަތުރުފުޅަކަށް ޝައިހް ހަސީނާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހުގައެވެ. އަދި އެ ދަތުރުފުޅުގެ މަގުސަދަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުން ކަމަށް ވެސް އެ ނޫހުގައިވެއެވެ.
ބަންގްލަދޭޝްގެ ކެބިނެޓުން މިއަދު ވަނީ އެގައުމުގެ ހެލްތު ވޯކަރުން ރާއްޖެއަށް ފޮނުވުމަށް ހަދާފައިވާ ޑްރާފްޓް އެއްބަސްވުމެއް ފާސްކޮށްފައެވެ.
ކެބިނެޓް ސެކްރެޓަރީ ޚަންދަކަރު އަންވަރުލް އިސްލާމް ވިދާޅުވީ އެގައުމުގެ ހެލްތު ވޯކަރުން ރާއްޖެއަށް ފޮނުވުމާ ބެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއް މިހާރުވެސް ދެގައުމުގެ މެދުގައި އޮންނަ ކަމަށެވެ. އަދި މިހާރު ރާއްޖެއިން ބޭނުން ވަނީ އެއީ ގާނޫނީ ގޮތުން ތަންފީޒު ކުރަން ޖެހޭ އެއްބަސްވުމަކަށް ހަދައި، އެއްބަސްވުމުގެ މުއްދަތު 2024އާ ހަމައަށް އިތުރު ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.