ގދ. ތިނަދޫ ގެއެއްގެ ގަރާޖެއްގައި އަލިފާން ރޯކޮށްލައި ކާރަކާއި ސައިކަލެއް އަންދާލައިފި އެވެ. ރޭ ފަތިހު އަލިފާން ރޯކޮށްލާފައިވަނީ ތިނަދޫ ބަގީޗާގޭގެ ގަރާޖެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ތިނަދޫގެ ގެއެއްގެ ގާރާޖެއްގައި ރޭ ފަތިހު ރޯކޮށްލާފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރި ވަމުން ގެންދާ ކަމަށެވެ. ހުޅު ޖެހުމުގެ ސަބަބުން ގަރާޖުގައި އޮތް ކާރަކާއި ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

"ރޭ ފަތިހުގެ ވަގުތެއްގައި ރޯކޮށްލާފައި ވަނީ. ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރި ވަމުން އެބަދޭ، އޮފިޝަލް ވިދާޅުވި އެވެ. ފުލުހުން އަދި ބުނީ އެ ގަރާޖުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންގެންދާކަމަށާއި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައި ނުވާ ކަމަށެވެ.

މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެރަށު ބަޔަކު ނުކުމެ އެރަށު ޕޮލިސް ސްޓޭޝަންގައި ރޯކޮށްލުމުން އެރަށުގައި ތިބި ފުލުހުން ވަނީ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފަ އެވެ. އަދި އޭގެ ފަހުން އެ ރަށުގައި ވައްކަން ކުރުމާއި ތަންތަނަށް ގެއްލުން ދިނުން ވަނީ އާންމުވެފަ އެވެ.