19 Dec 2021, 15:44
ލަންޑަން (ޑިސެމްބަރު 19): ރަޝިޔާއާއި ޔުކްރޭނާ ދެމެދު އުފެދިފައިވާ މައްސަލާގައި ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ހަނގުރާމަ ފެށި ނަމަވެސް ޔުކްރޭންގެ ދިފާއުގައި ތެދުވެވެން ނެތްކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލެސް ވިދާޅުވީ ޔުކްރޭންގެ ދިފާއުގައި އިނގިރޭސިވިލާތް ރަޝިއާއާ ދެކޮޅަށް ހަނގުރާމައަކަށް ދިޔުމަކީ ކުރެވޭނެކަމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށާއި މިކަން ޔުކްރޭންވެސް ދަންނަން ޖެހޭނެ ކަމުގައެވެ. ޔޫކްރޭނަކީ ނޭޓޯގެ ގައުމެއް ނޫންކަން ބަޔާން ކުރައްވަމުން އިނގިރޭސި ދިފާއީ ވަޒީރު ވިދާޅުވީ ޔުކްރޭން ދިފާއުކުރުމަށް އިނގިރޭސި ސިފައިން ފޮނުވުމަކީ މިހާރަށް ބަލާއިރު އޮތް އޮޕްޝަނެއް ނޫންކަމުގައެވެ.
ނަމަވެސް ޔުކްރޭނާ ދެކޮޅަށް އުދުވާނެއް ނުހިންގުމަށް ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންއަށް ވިސްނައިދިނުމަށް އިނގިރޭސި ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް އުދުވާނެއް ހިންގައިފިނަމަ ރަޝިއާއާ ދެކޮޅަށް އެޅެން އޮތް އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައިވެސް އިނގިރޭސިވިލާތް ބައިވެރިވާނެކަމަށް އިނގިރޭސި ދިފާއީ ވަޒީރު ވިދާޅުވިއެވެ.
ޔުކްރޭންއާއި ރަޝިއާގެ މަސްރަހު މިފަހަކަށް އައިސް ހޫނުވެފައިވަނީ ނޭޓޯގެ މެންބަރަކަށް ޔުކްރޭން ހަދައިގެން ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ނޭޓޯގެ ހަތިޔާރުތައް ޖަމާކޮށްގެން ރަޝިއާއަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ނޭޓޯގެ ގައުމުތަކުން މަސައްކަތްކުރަން ފެށުމާ ގުޅިގެންނެވެ.
އެމެރިކާއެކޭ އެއްގޮތަށް އިނގިރޭސިވިލާތަކީވެސް ރަޝިއާ އާ ދެކޮޅަށް ތެދުވުމަށް ޔުކްރޭނަށް ހިއްވަރުދޭ ގައުމެކެވެ. މި ހިއްވަރާއެކު ޔުކްރޭން ވަނީ ނޭޓޯގެ މެންބަރަކަށް ވެގެން ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ހަތިޔާރު ޖަމާކުރުމުގެ ވިސްނުން ގެންގުޅެން ފަށާފައެވެ. ޔުކްރޭންގައި މިހާރު އޮތީ އެމެރިކާއާއި ހުޅަނގަށް ތާއީދުކުރާ އަދި ރަޝިއާއާމެދު ދުޝްމަންކަން ގެންގުޅޭ ސަރުކާރެކެވެ.
ޔުކްރޭންއަކީ ރަޝިއާއާ ސަރަހައްދީ ރޮނގުގެ ގޮތުން ގުޅިފައިވާ ގައުމެއްކަމަށްވެފައި ޔުކްރޭން ނޭޓޯގެ މެންބަރަކަށް ވެއްޖެނަމަ ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ނޭޓޯގެ ބަރު ހަތިޔާރު ޖަމާކުރުމުގެ ފުރުސަތު އެމެރިކާއަށް ލިބޭނެތީ ރަޝިއާވަނީ އެއީ އެގައުމުން ދޫނުދޭނެ ރަތްރޮނގު ކަމުގެ އިންޒާރު ހުޅަނގަށް ދީފައެވެ.
މި އިންޒާރާއެކު ޔުކްރޭނަށް ބިރުދެއްކުމުގެ ގޮތުން ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ރަޝިއާއިން ބަރުހަތިޔާރާއެކު އެއްލައްކަ ސިފައިން ޖަމާކޮށްފައިވާކަމަށް ޔުކްރޭންއާ އަދި ނޭޓޯއިން ބުނެއެވެ. ނަމަވެސް ރަޝިއާ މިކަން ދޮގުކުރެއެވެ. ރަޝިއާ ބުނާގޮތުގައި ޔުކްރޭނާއި ރަޝިއާ ގުޅިފައިވާ ސަރަހައްދީ ރޮނގުގައި ސިފައިން ބައިތިއްބާފައިވަނީ ޔުކްރޭނަށް ހަމަލާދޭކަށް ނޫނެވެ. ސިފައިން ރުކުރުވާލުމުގެ މަގްސަދަކީ ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
މިމައްސަލާގައި އެމެރިކާއާއި އެމެރިކާއަށް ބޯލަނބާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުފަދަ ހުޅަނގުގެ ބާރުތަކުން ގެންދަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުތައް ދެމުންނެވެ. ނަމަވެސް ޔުކްރޭން ނޭޓޯއަށް ވައްދައިގެން ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ނޭޓޯގެ ބަރުހަތިޔާރު ޖަމާކުރުންފަދަ ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަމުގައި (ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރަށް) ރަޝިއާ ފަހަތަށް ނުޖެހޭނެކަމަށް ރައީސް ވްލަޑިމީރު ޕޫޓިންވަނީ ވިދާޅުވެފައެވެ.
ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިނަމަ ރައްދުގައި ހުޅަނގާ ދެކޮޅަށް ރަޝިއާވެސް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ޕޫޓިންވަނީ ދެއްވާފައެވެ.
ޔުކްރޭނާ ދެކޮޅަށް ރަޝިއާއިން ހަނގުރާމަ ފަށައިފިނަމަ ޔުކްރޭންގެ ދިފާއުގައި އެހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި ނުވަންނާނެ ކަމުގެ އިޝާރާތް އެމެރިކާވެސް ވަނީ ދީފައެވެ. ނަމަވެސް އެމެރިކާވަނީ އެފަދަ ހާލަތެއްގައި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭނެކަމާ މިހާރުވެސް އެކަން ކުރަމުން ގެންދާކަމަށް ބުނެފައެވެ.
މިއާއެކު ރަޝިއާ ވަނީ ނިއުކްލިޔާ ބޮން އެޅުމުގެ ގާބިލްކަން ލިބިފައިވާ ރަޝިއާގެ ދުރުރާސްތާގެ ސްޓްރެޓީޖިކް މަތިންދާބޯޓުތައް ރަޝިއާއަށް ބޯލަނބާ ޔޫރަޕްގެ ގައުމެއްކަމަށްވާ ބެލަރޫސް އަށް ފޮނުވާފައެވެ.