19 Dec 2021, 11:30
ކޮވިޑް-19 އިން ދިފާއު ވުމަށް ޖަހާ ވެކްސިން ލިބުނު ނަމަވެސް، އެއާއެކު ސިރިންޖް ނުލިބޭތީ، އާއްމުންނަށް ބޫސްޓާޑޯޒް އަދި ނުޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
ކޮވިޑު ވެކްސިންގެ ބޫސްޓާ ޑޯޒުގެ ގޮތުގައި ރާއްޖޭގައި ޖަހާ ފައިޒާގެ އިތުރު 100،620 ވެކްސިން ޑޯޒް ރާއްޖެ ގެނައީ އިއްޔެ ހަވީރުއެވެ.
އެއީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ފައިޒާގެ ވެކްސިން ޑޯޒެވެ.
އެޗްޕީއޭއިން މިއަދު ބުނީ ވެކްސިން ދޭން ފަށަން ބޭނުންވާ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
ނަމަވެސް ފައިޒާ ވެކްސިން ޖަހަން ބޭނުންވާ ސިރިންޖު ލިބުމަށް ދުނިޔޭގެ ކަންކޮޅުތަކުގައިވެސް ދަތިތަކާ ކުރިމަތިވެ، ރާއްޖެއަށް ލިބުނު ފައިޒާ ވެކްސިންއާއެކު ސިރިންޖު އަދި ނުލިބޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ސިރިންޖުގެ ޝިޕްމަންޓް ލިބުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ސިރިންޖް ލިބި، އެހެނިހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ދުވަހެއް އިއުލާނު ކުރާނެ ކަމަށެވެ.
ނަމަވެސް މިހާރު ވެކްސިން ޖަހަމުންދާ ކެޓަރަގީތަކަށް ވެކްސިން ދިނުން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިވަގުތު ބޫސްޓާ ޑޯޒް ޖެހޭނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނާއި 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.
ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ތެރެއިން ބޫސްޓާ ޖެހޭނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބައެއް ބޭސްތައް ބޭނުންކުރާ މީހުންނަށެވެ.
މީގެ އިތުރުން ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި ގަވައިދުން ޑައިލިސިސް ހަދާ މީހުންނާއި، ކެންސަރު ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ ނުވަތަ ފަރުވާ ނިމި އަހަރެއް ނުވާ މީހުންގެ އިތުރުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން ނުވަތަ ބީއެމްއައި 40 އަށްވުރެ މަތި މީހުންނަށްވެސް ބޫސްޓާ ޖެހޭނެއެވެ. އަދި ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންނާއި ހިތުގެ ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވެސް ބޫސްޓާ ޑޯޒް ޖެހޭނެއެވެ.
ހަމައެއާއެކު ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން އޮކްސިޖަން ތެރަޕީގެ ފަރުވާ ދޭން ޖެހޭ މީހުންނާއި ސީއޯޕީޑީ، ބްރޮންކިއެކްޓަސިސް، ސިސްޓިކް ފައިބްރޯސިސް، އިންޓަސްޓިޝިއަލް ލަންގް ޑިޒީސް ފަދަ ފުއްޕާމޭގެ ބައްޔަށް ފަރުވާ ކުރާ މީހުންނަށްވެސް ބޫސްޓާ ޖެހޭނެއެވެ.