ކޮޕީ މުހައްމަދު ރަޝީދުގެ ހަޔާތުގެ މައްޗަށް ފޮތެއް ނެރެން ނިންމައިފައިވާކަން، އޭނާގެ ޒިކުރާ އާކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑަމީން ރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި އިއުލާނު ކޮށްފިއެވެ.

ކޮޕީ ރަޝީދުގެ ތައުބީނުގެ ޖަލްސާގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ އެ ފޮތް ލިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަންނަ އަހަރުގެ މެދުތެރޭގައި އެ ފޮތް ނެރެވޭނެ ކަމަށެވެ.

ކޮޕީ ރަޝިދުގެ ހަނދާނުގައި ރޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި، ކޮޕީ ރަޝީދާ ގުޅޭގޮތުން ކަށިމާ އަހުމަދު ޝާކިރު ލިޔުއްވި ރިޕޯޓެއް ގެނެސްދިނެވެ.

އުމުރުފުޅުން އެންމެ 16 އަހަރުގައި ސަރުކާރަށް ހިދުމަށް ކުރައްވަން ފެއްޓެވި ކޮޕީ ރަޝީދުގެ ހިދުމަތް އެންމެ ފުރަތަމަވެސް ފެނުނީ ނޫސްވެރިކަމުގެ ދާއިރާއިންކަން އެ ރިޕޯޓުގައި ފާހަގަ ކުރިއެވެ.

މިލާދީ ގޮތުން ފަސްދޮޅަހުގެ އަހަރު ތަކުގެ ތެރޭގައި ރާއްޖޭގައި، ރާއްޖޭގައި ނުކުންނަމުން ދިޔަ ހަމައެކަނި ނޫސް ކަމުގައިވާ 'ވިޔަފާރި މިއަދު' ލިޔުއްވުމުގައި ވެސް ކޮޕީ ރަޝީދުގެ ހިއްސާ ވާކަން ކަށިމާ ޝާކިރު ވިދާޅުވިއެވެ.

" މަރުހޫމް ކޮޕީ މުހައްމަދު ރަޝީދަކީ މޮޅު މުދައްރިސެއް. އެ ދުވަސްވަރުގެ ރާއްޖޭގެ މާހައުލު އޮތްގޮތް ބައްލަވައިގެން ދަރިވަރުން ތަރުބިއްޔަތު ކުރައްވަމުން ގެންދެވި. މަދަރުސަތުއް ސަލާމާއި، މަދަރުސަތުލް އަހުރާރުގައި މުދައްރިސެއްގެ ގޮތުން ގިނަ ދުވަސްތަކެއްގައި ހިދުމަތްތަކެއް ކޮށްދެއްވި. އަދި މިއަދު ތައުލީމީގޮތުން ކުރިއަރައިފައިވާ މަދަރުސަތުލް އަހުމަދިއްޔާގެ ޕްރިންސިޕަލްކަން ވެސް ކުރެއްވި" ރިޕޯޓްގައި ފާހަގަ ކުރިއެވެ.

މީގެ އިތުރުން، މުނިފޫހި ފިލުވުމަށް ރާއްޖޭގައި ކުޅެއުޅުނު ތަމްސީލަކީ، ވަކި ފެންވަރެއްގެ ބަޔަކު ކުޅެއުޅޭ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް 'އިލްމީ، ޤާބިލު ޒުވާނުންނާއި، އިސް ރަށްވެހީންގެވެސް' އެއްޗަކަށް ބަދަލު ކޮށްލުމުގައި ކޮޕީގެ ހިއްސާ ބޮޑުކަމަށް ރިޕޯޓުގައި ބުންޏެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކޮޕީ ރަޝީދުގެ އާއިލާގެ މެމްބަރުން ބައިވެރިވި އެ ޖަލްސާގައި ކޮންމެ ވަގުތުކޮޅެއް ފާއިތު ވެގެން ދިޔައިރުވެސް އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިތާމައިގެ ކުލަވަރެވެ. ހިދުމަތްތެރި ޝަހުސިއްޔަތެއް އަދި ލޯބިވާ މެމްބަރެއް ވަކިވެ ދިއުމުގެ ހިތްދަތިކަމެވެ.

ކޮޕީ ރަޝީދާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެކެވުނު އެ ޖަލްސާގެ ވަކި ހިސާބަކުން ލޯތަކުން ފެންކަޅިވެ، ހިތްތަކަށް ކޮށްފައިވާ އަސަރުގެ ކުލަވަރު މޫނުތަކުން ފެނިގެން ދިޔައެވެ.

ރޭގެ ޖަލްސާގައި، ރޯނު ހަސަން މަނިކު ވަނީ ހާއްސަ ޅެމެއް ހުށަހަޅައި ދެއްވާފައެވެ. އަދި ކޮޕީ ރަޝީދުގެ ކާފަ ދަރިކަލުން ލާރާ ބިންތު ހަސަން އިބްރާހީމްގެ ހުށަހެޅުމެއް ވެސް ފެނިގެން ދިޔައެވެ.

އަލްމަރުޙޫމް ކޮޕީ މުހައްމަދު ރަޝީދުގެ ތައުބީނުގެ ޖަލްސާގެ ތެރެއިން އަލްމަރުޙޫމް ކޮޕީ މުހައްމަދު ރަޝީދުގެ ކާފަ ދަރިކަނބަލުން ލާރާ ބިންތު ޙަސަން އިބްރާހީމް -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މީގެ އިތުރުން އެ ޖަލްސާގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފްއާއި އަހުމަދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު ޝަފީގު ވާހަކަފުޅު ދެއްކެވިއެވެ.

ކޮޕީ ރަޝީދު ދަރިފުޅު ޔާމީން ރަޝީދު ވަނީ ކޮޕީ ރަޝީދުގެ ޅެން "މަރުބަލާ އައިމައޭ ވަކިވަނީ ޔާރުނޭ! ދިރި ތިބީންނާ ހަވާލޭ ވަޠަން ލޯބިވާ!" ހުށަހަޅައިދީފައެވެ.

ޖަލްސާ ނިންމުމުގެ ގޮތުން، ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވަނީ ދިވެހި ބަހުގެ އެކަޑަމީން ބޭއްވި ތައުޒިޔާގެ ފޮތް ކޮޕީ ރަޝީދުގެ އަބިކަނބަލުންނާ ހަވާލު ކުރައްވާފައެވެ.

އަލްމަރުޙޫމް ކޮޕީ މުހައްމަދު ރަޝީދުގެ ތައުބީނުގެ ޖަލްސާގައި، ދިވެހި ބަހުގެ އެކެޑަމީން ބޭއްވި ތައުޒިޔާގެ ފޮތް މިނިސްޓަރު އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، އަލްމަރުޙޫމް ކޮޕީ މުހައްމަދު ރަޝީދުގެ އަނބިކަނބަލުންނާއި ހަވާލުކުރައްވަނީ -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ކޮޕީ ރަޝީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުހައްމަދު ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މިދިޔަ އަހަރު ކޮޕީ ރަޝީދު ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ހާސިލްކުރައްވައިފައެވެ.

މީގެ އިތުރުން ކޮޕީ ރަޝީދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު 2018 ވަނަ އަހަރު ކާމިޔާބުކުރައްވައިފައެވެ.

ތާނަ އަރަބި ލިޔުމުގެ ރޮނގުން 1988 ވަނަ އަހަރު މުހައްމަދު ރަޝީދަށް އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވިއެވެ.