ވޮޝިންޓަން (ޑިސެމްބަރު 19) : ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން އަދި އިތުރު ދެއަހަރަށް ދިގު ދެމިގެންދާނެކަމަށް ކަމާބެހޭ ދިރާސާއެއް ބުނެފިއެވެ.

އެމެރިކާގައި ބޭހާއި ވެކްސިން އުފެއްދުމަށް މަޝްހޫރު ފައިޒާ ކުންފުނިން ކޮވިޑްއާ ބެހޭގޮތުން ކުރި ދިރާސާއެއްގެ ރިޕޯޓް ބުނާގޮތުން ކޮވިޑް-19 ސަބަބުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ކުރިޔަށް ކުރިޔަށްއޮތް 2022 ވަނަ އަހަރުވެސް މިއޮތްގޮތުގައި ދެމި އޮންނާނެ ކަމުގައެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅާ އަދި 2024 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ދާއިރު ކޮވިޑް އިން ސަލާމަތްވެ އެކަން އާދައިގެ ބައްޔަކަށް ބަދަލު ވެގެންދާނެ ކަމުގައެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ފަހުކޮޅު ނޫނީ 2024 ވަނަ އަހަރުގެ ކުރީކޮޅު ކޮވިޑްގެ ވަބާއިން ސަލާމަތް ވާނެކަމަށް ފައިޒާގެ ދިރާސާގައި ލަފާ ކޮށްފައި ވަނީ އެ ހިސާބަށްދާއިރު ކޮވިޑް ވެކްސިން ކަވަރޭޖް މުޅި ދުނިޔޭގައި ވެސް މަތިވެފައި އަދި ކޮވިޑްގެ ވޭރިއަންޓްތައް ބަލި ކޮށްލެވޭ ފަދަ ބޭސްތައް ވެސް އުފެއްދި ފައިވާނެ ކަމަށް ބެލެވޭތީ ކަމަށް ފައިޒާގެ ރިޕޯޓް ބުނެއެވެ.

އެ ހިސާބަށް ދާއިރު ކޮވިޑް ވެގެން ދާނީ އެހެންވެސް ރޯގާތައް ފަދައިން ބޭހާއި ވެކްސިނުން ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް އާދައިގެ ރޯގާއަކަށް ކަމަށްވެސް ފައިޒާގެ ދިރާސާގައި ލަފާކޮށްފައިވެއެވެ. ނަމަވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކާ އަދި އެނޫންވެސް ސަބަބުތަކާ ގުޅިގެން ކޮވިޑްގެ މިހާރު ހުރި ވޭރިއަންޓްތަކަށްވުރެ ބާރުގަދަ ވޭރިއަންޓްތަކެއް އުފެދިދާނެކަމުގެ ބިރަކީވެސް އޮތްއެއްޗެއްކަމަށް އެ ދިރާސާ ބުނެއެވެ.

ފައިޒާގެ ރިޕޯޓާ ޚިލާފަށް އެމެރިކާގެ ސަރުކާރުން ލަފާކޮށްފައިވަނީ ވަނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ކޯވިޑް-19 ފެތުރުން ހުއްޓުވި އެއީ ކޮންޓްރޯލް ކުރެވޭ އާއްމު ރޯގާއަކަށް ބަދަލުވެގެންދާނެކަމުގައެވެ. ނަމަވެސް ކުރިން ލަފާކުރެވިފައިނުވާ ވޭރިއަންޓެއްކަމަށްވާ އޮމިކްރޯން ފެތުރެން ފެށުމުން ކޮވިޑްގެ ހާލަތު އަނެއްކާވެސް ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައެވެ.

އޮމިކްރޯންއާއެކު ދުނިޔޭގެ ބައެއް ގައުމުތައް އަނެއްކާވެސްވަނީ ފުރަބަންދުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.