ކޮޕީ މުހައްމަދު ރަޝީދަކީ ހުރިހާ ފަންނެއް އެކުލެވިގެންވާ ޝަޚްސިއްޔަތެއް ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެވެ.

ޑރ. އަޝްރަފް މިހެން ވިދާޅުވީ މިރޭ ކޮޕީ މުހައްމަދު ރަޝީދުގެ ޒިކުރާ އާކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑަމީން ބޭއްވި ތައުބީނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ކޮން ދާއިރާއެއްތޯ ނެތީ ކޮން ޚިދުމަތެއްތޯ ނުކުރައްވަނީ ސްކޫލްގެ ޕްރިންސިޕަލްކަން. މުދައްރިސުކަން. އަތޮޅުވެރިކަން. ހީސަމާސާކޮށް އެކުވެރިއެއްގެ ދައުރު. ތަމްސީލުތަކުގެ ކުޅުއްވުމާއި ލިޔުއްވުމާއި ބުނެދެއްވުމާއި ޑައިރެކްޓްކޮށްދެއްވުމާއި، މި ހުރިހާ ކަމެއްގެ ލާމަސީލު ނަމޫނާއެއް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އަލްމަރުޙޫމް ކޮޕީ މުހައްމަދު ރަޝީދުގެ ތައުބީނުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ޑރ. އަޝްރަފް ވިދާޅުވީ އޭނާގެ ހަޔާތުގެ އެންމެ ފުރަތަމަ ސްޓޭޖު ޝޯގައި އިރުޝާދު ލިބުނީ ކޮޕީ ރަޝީދުގެ ފަރާތުން ކަމަށެވެ.

"އެއީ ސްޓޭޖަށް އަޅުގަނޑު ނުކުތް ފުރަތަމަ ފަހަރުވެސްމެ. އެހެންވީމަ މިއަދު ގުދުރަތުން ދިވެހި ބަހުގެ އެކެޑެމީގެ އިސްވެރިއެއްގެ ހައިސިއްޔަތުން ކޮޕީގެ ތައުބީނުގެ ޖަލްސާގައި ވާހަކަދައްކަން އަޅުގަނޑަށް މިންވަރު ކުރެއްވި މިންވަރު ކުރެއްވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ނަސީބެއް. އަދި ޝަރަފެއް ވެސް މެ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ކޮޕީ ރަޝީދުގެ ޚިދުމަތާއި ހަނދާންތައް އާކުރުމުގެ ގޮތުން ވަރަށް އަވަސް މުސްތަގުބަލެއްގައި އޭނާގެ ހަޔާތުގެ މައްޗަށް ފޮތެއް ނެރުމަށް އެކެޑަމީން ނިންމާފައިވާ ކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި އިރާދަކުރެއްވިއްޔާ ކޮޕީ މުހައްމަދު ރަޝީދުގެ ޒިކުރާގެ ފޮތުގެ ނަމުގައި ފޮތެއް ލިޔުމުގެ މަސައްކަތް އެވަނީ ފެށިފައި. އެ މަސައްކަތް އަންނަ އަހަރުގެ މެދެެއްހާ ތަނުގައި އަދަބީ ކޮންމެވެސް މުނާސަބަތަކާ ގުޅުވައި ނެރުމުގެ މަސައްކަތް އިރާދަކުރެއްވީތީ ދިވެހި ބަހުގެ އެކެޑަމީން ކުރާނެ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އަލްމަރުޙޫމް ކޮޕީ މުހައްމަދު ރަޝީދުގެ ތައުބީނުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ކޮޕީ ރަޝީދަކީ، ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައި، ޅެން ޝާއިޢުކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މީގެތެރެއިން، ދުވަހު ނޫސް "މޫންލައިޓް" އާއި، "އެކުވެރިންގެ ރޫޙު" މަޖައްލާގައި ޝާއިރުކުރައްވާފައިވާ ޅެންތައް ޚާއްސަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އަދި، ފަތްތޫރައިގައިވެސް، އޭނާގެ ޅެންތައް ޝާއިއުކޮށްފައިވެއެވެ.

ކޮޕީ ރަޝީދަކީ، މަދަރުސާ ކުދިންގެ ލަވަ މުބާރާތްތަކަށާއި، ލަވަ އަލްބަމްތަކަށާއި، ގައުމީ މުނާސަބަތުތަކަށާއި، އެކިއެކި ޚާއްސަ ހަފްލާތަކަށް ގިނަ އަދަދަކަށް ލަވަވެސް ހައްދަވައިދެއްވާފައިވާ ބޭފުޅެކެވެ.

މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށް ހައްދަވައިދެއްވި ލަވަތަކަށް، އެމުބާރާތްތަކުން ޅެންވެރިކަމުގެގޮތުން މަތީ ވަނަތައް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ދީނީ ޅެންހެދުމުގެ މުބާރާތުގައިވެސް ބައިވެރިވެވަޑައިގެން، މަތީވަނަތައް ހޯއްދަވާފައިވާ ބޭފުޅެއްވެސްމެއެވެ. މީގެތެރޭގައި މަދަޙަ އަލްބަމެއްވެސް ހިމެނެއެވެ.

އަލްމަރުޙޫމް ކޮޕީ މުހައްމަދު ރަޝީދުގެ ތައުބީނުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މީގެ އިތުރުން، "ފާގަތި ހަޔާތެއް ހޯދުން" މި ނަމުގަޔާއި، "5 ބަތަލުން" މިނަމުގައި މުހައްމަދު ރަޝީދު ލިޔުއްވާފައިވާ ދެ ޅެންފޮތްވެސް ޝާއިއުކޮށްފައިވެއެވެ.

ކޮޕީ ރަޝީދަކީ، 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށްވެސް ހިދުމަތް ކުރައްވައިފައިވާ އަދި ތަފާތު މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. ފުރުއްވައިފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، ބ.އަތޮޅު އަތޮޅުވެރިކަމާއި، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރުކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.

ކޮޕީ ރަޝީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.