07 Mar 2012, 12:18
އައްޑޫ ސިޓީގެ ކޯޓުތަކާއި، ޕޮލިސް ސްޓޭޝަންތަކާއި ސަރުކާރުގެ އެހެނިހެން ތަންތާގައި ހުޅުޖެހި މައްސަލަތަކުގައި ތުހުމަތު ކުރެވޭ 19 މީހެއްގެ މައްސަލަ އަންނަ ހަފުތާގެ ތެރޭގައި ޝަރީއަތަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޖީ ވިދާޅުވީ މިދިޔަ މަހުގެ އަށް ވަނަދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ޕީޖީ އޮފީހަށް މިހާތަނަށް ހުށަހަޅާފައިވާ 19 މީހުންގެ މައްސަލަ އަކީ ވެސް އައްޑޫ ސިޓީގެ ތަންތާގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަތައް މިހާރު ދިރާސާ ކުރަމުން އަންނަ ކަމާށާއި އަންނަ ހަފުތާ ނިމުމުމުގެ ކުރިން އެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޝަރީއަތަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ޕީޖީ އޮފީހަށް މިހާތަނަށް ލިބިފައިވާ 19 މީހުންގެ މައްސަލައަކީ ވެސް އައްޑޫ ސިޓީގެ ތަންތާގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް. އެ މައްސަލަތައް މިހާރު އަޅުގަނޑުމެން މިދަނީ ދިރާސާ ކުރަމުން. އަންނަ ހަފުތާ ނިމުމުގެ ކުރިން އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅާނަން،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓި، ރައީސް ވަހީދުގެ ސަރުކާރުގެ ފުރަތަމަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ރާއްޖޭގެ އެކި ސަރަހައްދުތަކުން 200 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ތެރެއިން 150 އަށް ވުރެ، ގިނަ މީހުންގެ މައްޗަށް އެކި ކުށުގެ ތުހުމަތު ކުރެވިގެން ފުލުހުން ދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ ގދ. ތިނަދޫގެ ތަންތާގައި ހުޅުޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރު ކުރި އެރަށު ރިހިވެލި، އަހުމަދު ރިޝާމް ޝަރީފް ގެ މައްސަލަ ވެސް ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 10 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އޭނާ މިހާރުވެސް ހުރީ ފުލުހުންގެ ހައްޔަރުގައެވެ.