18 Dec 2021, 20:58
"ފަހި އެމްއެންޔޫ" ޕްރޮގްރާމް ގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޓީމްތަކެއް އަތޮޅުތަކުގެ ސުކޫލުތަކަށް ދަތުރު ފަށައިފިއެވެ.
މި ޕްރޮގްރާމުގެ ބޭނުނުމަކީ ސްކޫލްތަކުގެދަރިވަރުންނަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އެމްއެންޔޫގެ ތަސައްވަރާއި ޔުނިވާސިޓީން ދެވޭ ޚިދުމަތްތަކާއި ފުރުސަތުތަކާއި ހުރި ވަސީލަތްތަކާއި ދަރިވަރުންނަށް އުފާވެރި މާހައުލެއް ގާއިމްކޮށް ދޭން ޔުނިވާސިޓީން ކުރާ މަސައްކަތްތައް ތައާރަފްކޮށްދިނުމެވެ. އަދި ސްކޫލް ދަރިވަރުންނަށް ކެރިއާ ގައިޑަންސް ދިނުމެވެ.
މިގޮތުން އަތޮޅުތަކުގެ 69 ސްކޫލަށް ކުރާ ޒިޔާރަތުގައި ގްރޭޑު 8 ން މަތީގެ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ދިނުމުގެ އިތުރުން ދަރިވަރުންނަށް ސްޓަޑީ ސްކިލްސް އަދި ޓީޗަރުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަންސް ހިންގުމާއި ބެލެނިވެރިންނާއި ރަށުގެ މުޖުތަމައު އަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

"ފަހި އެމްއެންޔޫ" ޕްރޮގްރާމަށް ނ. އަތޮޅަށް ދަތުރުކުރާ ޓީމް
ޓީމްތަކުން ޒިޔާރަތްކުރާ ކޮންމެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކޮށް އެމްއެންޔޫއާ ގުޅިގެން އިތުރަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ.
މި ދަތުރުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މެންބަރުންވެސް ބައިވެރިވާނެއެވެ.
ގައުމީ ޔުނިވާސިޓީން ފަހި އެމްއެންޔޫ ނުވަތަ ގެޓިންގް ޓު ނޯ އެމްއެންޔޫގެ ނަމުގައި ފެށި ސިލްސިލާ ޕްރޮގްރާމް ގްރޭޓާ މާލޭ ސަރަހައްދުގެ 16 ސްކޫލަކަށް މިހާރު ވަނީ ކަމިޔާބު ކަމާ އެކު ގެންގޮސް ނިންމާލައިފައެވެ.

"ފަހި އެމްއެންޔޫ" ޕްރޮގްރާމްގެ ދަށުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލޮގެ ދަރިވަރުންނާއި އެކު-- ފޮޓޯ/އެމްއެންޔޫއެސްޔޫ މީޑިއާ
ފަހި އެމްއެންޔޫ" ޕްރޮގްރާމަކީ ޔުނިވާސިޓީގެ ތަސައްވަރާ އެއްގޮތަށް ޔުނިވާސިޓީން ނިކުންނަ ދަރިވަރުންނަކީ ފުޅާ ދާއިރާއެއްގައި ވިސްނާ ސިކުނޑި ހުޅުވިފައިތިބި ބިނާ ކުރުވަނިވި ޚިދުމަތްތެރި، އަނެކުންނާއި ދޭތެރޭ ވިސްނާ، އަމިއްލައަށް އިސްނަގައިގެން ގައުމު ބިނާ ކުރާނެ ޚިދުމަތަތެރި ދަރިންތަކެއް އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެކެވެ.