18 Dec 2021, 21:37
ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ފެނުނު އެންމެ މޮޅު ގޯލަކަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ޖެހި ގޯލު ހިމެނިއްޖެއެވެ.
"ގޯލް އޮފް ގުރޫޕް ސްޓޭޖު"ގެ ނަމުގައި ކޮންމެ އަހަރަކުވެސް އެ ލީގުގައި ކުޅޭ ގުރޫޕް ސްޓޭޖުގެ މެޗުތަކުގައި ޖަހާ އެންމެ ހިތްގައިމު ގޯލު އަންނަނީ ޔުއެފާ ޗެމްޕިއަންސް ލީގުން ހޮވަމުންނެވެ. ޔުއެފާ އިން ބުނެފައިވަނީ އެ އެވޯޑު ހޮވާފައިވަނީ ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވޯޓު ލައިގެން އެންމެ ގިނައިން ވޯޓު ލިބުނު ގޯލު ކަމަށް ބަލައިގެން ކަމަށެވެ.
ޕީއެސްޖީގެ އިތުބާރު ފޯވާޑް މެސީ އެ ގޯލު ޖަހާފައިވަނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ގުރޫޕް ސްޓޭޖުގެ ފުރަތަމަ ލެގުގެ މެޗުގައެވެ. އެ ގޯލު މެސީ ޖެހީ ކިލިއަން އެމްބާޕޭ ފުންނާބުން ޖައްސާލި މޮޅު ޕާހަކުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ. ގޯލު ޖެހި އިރު މެސީ އަތުން ބޯޅަ ހޯދުމަށް ސިޓީގެ ދެ ޑިފެންޑަރުން އެވަގުތު މަސައްކަތް ކުރި ނަމަވެސް މެސީ ވަނީ މެޗުގެ 74 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ މެސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ސޮއިކުރުމަށްފަހު އެޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.