18 Dec 2021, 12:57
ކުއާލަލަންޕޫރު (ޑިސެމްބަރު 18) : މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދު މީގެ ދެ ދުވަސްކުރިން ހޮސްޕިޓަލުގައި އެންދުމަތިކޮށްފައި ވީނަމަވެސް އޭނާގެ ހާލުކޮޅު ސްޓޭބަލްކަމަށް އޭނާއަށް ފަރުވާދޭ ހޮސްޕިޓަލުން ބުނެފިއެވެ.
މަހާތީރު ބުރާސްފަތި ދުވަހު އެނދިމަތިކޮށްފައިވަނީ މެލޭޝިޔާގެ ނޭޝަނަލް ހާޓް އިންސްޓިޓިއުޓް ގެ ހޮސްޕިޓަލުގައެވެ. އެތަނުން ބުނެފައިވަނީ މަހާތީރު އެނދުމަތިކުރީ އޭނާއަށް އުނދަގޫތަކެއްވާތީ ކަމަށާއި އެނދުމަތިކުރުމަށްފަހު އޭނާގެ ސިއްހަތާބެހޭ ޓެސްޓްތަކެއް ހަދަމުން ގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
މަހާތީރުގެ އުމުރުފުޅަކީ 96 އަހަރެވެ. މަހާތީރަކީ ހިތުގެ ބައެއް އޮޕަރޭޝަންތައް ކުރައްވާފައިވާ ބޭފުޅެއް ނަމަވެސް އުމުރުގެ ދޮށިކަމާބަލާއިރު އޭނާގެ ސިއްހީ މައްސަލަތައް ނިސްބަތުން ކުޑައެވެ. މަހާތީރަކީ މެލޭޝިއާގެ ޒަމާނީ ތަރައްގީގެ ބާނީއެވެ. އަދި މެލޭޝިއާ މިހާރު އޮތް ފެންވަރަށް އެގައުމު ކުރިއެރުވުމުގެ އިސް މޭސްތިރިއެވެ.
މަހާތީރު ވަނީ ދެ ފަހަރެއްގެ މަތިން މެލޭޝިއާގައި ބޮޑުވަޒީރުކަން ކުރައްވާފައެވެ. ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ 1981 ން އަހަރުން 2003 އަކަށެވެ. އެމުއްދަތުގައި އޭނާވަނީ ވަރަށް ފަގީރު ގައުމަކުން މުއްސަނދި ގައުމަކަށް, އަދި ތަރައްގީ ވަރަށް ކުޑަ އަދި އިންފްރާސްޓްރަކްޗަރ ބަލިކަށި ގައުމަކުން ތަރައްގީގެ ކުރީ ސަފުގައި ހިމެނޭ އިންފަރާސްޓްރަކްޗަރ ވަރުގަދަ ގައުމަކަށް މެލޭޝިއާ ހައްދަވާފައެވެ.
އެއަށްފަހު އަމިއްލަ ފުޅަށް މަގާމާ ދުރުވެވަޑައިގަތުމަށްފަހު 2018 ވަނަ އަހަރު އަލުން ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެން ދޮޅު އަހަރެއްހާ ދުވަހު މަގާމުގައި ހުންނެވިއެވެ. ނަމަވެސް މަހާތީރުގެ ޕާޓީ އިސްކޮށް އޮވެގެން ހެދި ކޯލިޝަނުން އޭނާއާ ދެކޮޅަށް ރޭވި ރޭވުންތަކަކާ ގުޅިގެން 2020 ވަނައަހަރުގެ އޮގަސްޓްމަހު އޭނާވަނީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާފައެވެ.
މަހާތީރަށްފަހު މެލޭޝިއާގެ ޒައާމަތުން އޭނާއާ ގާތްކުރާ ވަރުގެވެސް ކޮލިޓީއެއް ހުރި ބޭފުޅަކު ފެނިފައެއް ނުވެއެވެ. އަދި މެލޭޝިއާގެ ތަރައްގީގެ ދުވެލިވެސްވަނީ މަހާތީރު ނެތް އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.