ޓެލްއަވީވް (މާޗް 7) : އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދިނުމުގައި އެމެރިކާ ގެންގުޅޭ ސިޔާސަތަށް އިސްރާއީލުން ފާޑުކިޔައިފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ ނުފޫޒު އޮންނަ އިސްރާއީލުގެ ރޭޑިޔޯއަކަށް ދެއްވި ބަސްދީގަތުމެއްގައި އިސްރާއީލުގެ މާލީ ވަޒީރު ޔުފާލް ޗެނެއިޓަރ ވިދާޅުވީ ދާދިފަހުން އެމެރިކާއަށް ޒިޔާރަތް ކުރެއްވި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫއާ ބައްދަލުކުރައްވައި އީރާނާބެހޭގޮތުން އެމެރިކާގެ ރައީސް ދެއްކެވި ވާހަކަތަކުގައި އިސްރާއީލު ބޭނުންވާ އެއްވެސް ރާގެއް ނެތްކަމުގައެވެ.

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމުގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތައް ސާފުނުވާގޮތަށް އޮބާމާ ވާހަކަ ދެއްކެވި ކަމަށްވެސް ޗެނެއިޓަރ ވިދާޅުވިއެވެ. ނަތަނިޔާހޫ އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައި އޮބާމާ ވިދާޅުވީ އީރާނުން ސިއްރިޔާތުގައި ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާކަން އެމެރިކާއަށް ޔަގީންނުވާ ކަމަށާ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދީ ބާރުގެ ބޭނުންކުރުމުގެ ބޭނުމެއް މިވަގުތު އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައެވެ.

އަދި އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން މަސައްކަތްކުރާނަމަ އެކަން މަނާކުރުމަށްޓަކައި ކޮންމެ ކަމެއްވެސް އެމެރިކާ ކޮށްފާނެ ކަމަށާ ނަމަވެސް އެހިސާބަށް އަދި ކަންތައް ގޮސްފައިނުވާ ކަމަށް އޮބާމާ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށް މިހާރު އެމެރިކާ ގެންގުޅެނީ ދަތިކުރުކުރުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންގޮސް އީރާން އިޤްތިސާދީ ގޮތުން އިނދަޖައްސާލުން ކަމަށާ މިކަންކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް އޮބާމާ ނަތަނިޔާހޫގެ ގާތުގައި ވިދާޅުވެފައިވެއެވެ. އޮބާމާވަނީ އީރާނާ ދެކޮޅަށް އިސްރާއީލު އަތްއިސްކޮށް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްރާއީލުން އިސްވެ ޙަމަލާދިނުމަށް އެމެރިކާ މިހާރު ތާއީދު ނުކުރާކަމަށްވެސް ވިދާޅުވެފައެވެ.

އިސްރާއީލުން ގެންދަނީ ސިއްރިޔާތުގައި ނިއުކްލިޔަރ ހަތިޔާރު އުފައްދައި އެއިން މެދުއިރުމަތީގެ ޤައުމުތަކަށް ބިރު ދެއްކުމަށްފަހު އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ އިސްރާއީލު ނައްތާލުމަށްޓަކައި ނިއުކްލިޔަރ ބޮން އުފައްދަން މަސައްކަތްކުރާ ޕްރޮގްރާމެއް ކަމަށް ސިފަކުރަމުންނެވެ. މީގެ އިތުރުން އީރާނަށް އިސްވެ ޙަމަލާދޭނެ ކަމުގެ ބިރުވެސް އިސްރާއީލުން ގެންދަނީ ދައްކަމުންނެވެ.

އިސްރާއީލަކީ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނުކިޔަމަންތެރި ޤައުމެއްގެ އިތުރުން ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެންއުޅޭ އަނިޔާވެރި އިސްތިއްމާރީ ބާރެކެވެ.

އިސްރާއީލުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުން އެކަން މައްސަލައަކަށް ނުވެފައި އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަކީ ބޮޑު މައްސަލައެއްކަމަށް އިސްރާއީލާއި އެމެރިކާ ދެކެނީ އިސްރާއީލާ ތިލަފަތް ހަމަވާވަރުގެ އިސްލާމީ ބާރެއް އުފެދިދާނެތީ އާއި މިބަދަ ބާރެއް އުފެދިއްޖެނަމަ ފަލަސްތީނުގެ މައްސަލާގައި ދޫދޭން މަޖްބޫރު ވެދާނެތީ ކަމަށް މުޙައްލިލުން ދެކެއެވެ. -- ނޫސްއެޖެންސީތައް