ޖެނުއަރީ މަހުގެ 29 ގެ ނިޔަލަށް ޖީއެސްޓީ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން 600 އަށް ވުރެ ގިނަ ފަރާތުން އަދިވެސް ޖީއެސްޓީ ދައްކާފައި ނުވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ބުނީ ޖެނުއަރީ މަހުގެ 29 ގެ ނިޔަލަށް ޖީއެސްޓީ ދައްކަންޖެހޭ 600 އަށްވުރެ ގިނަ ފަރާތްތަކުން ޖީއެސްޓީ ނުދައްކާ ކަމަށާއި އޭގެތެރެއިން 400 އަށް ވުރެ ގިނަ ފަރާތްތަކީ މާލޭގައި ވިޔަފާރި ކުރާ ފަރާތްތައް ކަމަށެވެ. އަދި ފެބްރުއަރީ 22 ގެ ނިޔަލަށް ޖީއެސްޓީ ދައްކާފައިނުވާ 1200 ފަރާތްތަކުގެ ތެރެއިން 500 އަށް ވުރެ ގިނަ ފަރާތްތަކުން ޖީއެސްޓީ ދައްކާފައިވާކަމަށް ވެސް މީރާއިން ބުނެ އެވެ.

ނުދައްކާހުރި ޖީއެސްޓީ ޖޫރިމަނާއަކާއި ނުލައި ދެއްކުމަށް މީރާއިން ދިން މުއްދަތު ފެބްރުއަރީ 28 ގައި ހަމަވެފައިވާ ކަމަށާއި އެހެންކަމުން ޖީއެސްޓީ ނުދައްކާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މީރާއިން ބުނެއެވެ. އަދި ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކާއި މެދު އެ އޮތޯރިޓީން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ މަސައްކަތް ވެސް މިހާރު އެ އޮތޯރިތީން ކުރަމުން އަންނަ ކަމަށެވެ.

މީރާގެ އިތުރުން އަތޮޅު ކައުންސިލް އިދާރާތަކުން ވެސް ޖީއެސްޓީ ބަލައިގަތުމުގެ އިންތިޒާމް އޮވެ އެވެ.