17 Dec 2021, 20:32
ފިލިޕީންސްއަށް ބާރުގަދަ ތޫފާނެއް އަރައި ގިނަ ބަޔަކު ނުރައްކަލުގެ ތެރޭގައިވާއިރު، ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފިިލިޕީންސްއަށް މި އަހަރު އެރި އެންމެ ބޮޑު ތޫފާނުގައި، ގިނަ ބަޔަކަށް ގެދޮރު ދޫކޮށް ސަލާމަތުގެ އައްސޭރިއަކަށް ހިޖުރަ ކުރުމަށް ވަނީ މަޖުބޫރުވެފައެވެ.
ފިލިޕީންސްގެ އެކި ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވާއިރު ފިލިޕީންސްގައި ދިރިއުޅޭ ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
ތޫފާން ރާއީގެ ސަބަބުން ފިލިޕީންސްގައި ދިވެހިން ދިރިއުޅެމުންދާ ސަރަހައްދުތަކުން ފެނާއި ކަރަންޓު ވަނީ ކެނޑިފައެވެ. އަދި ކާބޯތަކެތި ލިބުމުގެ ދަތިކަން ވެސް ވަނީ ކުރިމަތި ވެފައެވެ.
މިކަމުގައި ފިލިޕީންސްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ފޮރިން މިނިސްޓްރީން ގާތުން ބަލަމުންދާއި ކަމށާއި، ހުރިހާ ދަރިވަރުންގެ ވެސް ހާލު ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
"ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސްއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ފޮރިން މިނިސްޓްރީއިން ދަނީ ވަރަށް ގާތުން ބަލަމުން. ހުރިހާ ދަރިވަރުންގެވެސް ހާލު ރަނގަޅު" ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ސަން"އަށް ވިދާޅުވިއެވެ.
އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ ޖޮއިންޓް ޓައިފޫން ވޯނިން ސެންޓަރު (ޖޭޓީޑަބްލިއުސީ) އިން ވަނީ ތޫފާން ރާއީ އަކީ "ސުޕަ ޓައިފޫން" އެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ތުފާންގައި މިހާރު 12 މަރު ވަނީ ރިޕޯޓް ކޮށްފައިވާއިރު ތިން ލައްކައެއްހާ މީހުން މިހާރުވަނީ ރައްކާތެރި ހިސާބުތަކައް ގެންގޮސްފައެވެ.