17 Dec 2021, 19:55
ޕީޕީއެމްއަކީ އެއްވެސް އިރެއްގައި ހަމަނުޖެހުން އުފެއްދައި އެކަމަށް ޖާގަ ދޭ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީޕީއެމްއިން މިހެން ބުނެފައިވަނީ އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ސައިކަލު ބުރަށް ހުރަސް އެޅުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ސައިކަލު ބުރު ފުލުހުން ހުއްޓުވުމުގެ ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމުން ބުނީ މި ވެހިކަލް ބުރު ރާވައިފައިވާނީ ފުލުހުންގެ މަޝްވަރާއާއެކުގައި ސަރުކާރުގެ ހުއްދަ ވެސް ލިބިގެން ކަމަށެވެ.
އެހެންނަމަވެސް ސައިކަލު ބުރަށް ހުރަސް އަޅައިފައިވަނީ ސިޔާސީ ވެރީންގެ ނުފޫޒުން ކަމަށް ޕީޕީއެމްއިން ވަނީ ތުހުމަތުކޮށް، އެކަން ކުށްވެރިކޮށްފައެވެ.
ޕީޕީއެމް އިތުރަށް ބުނީ ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމެއް ބުނެ ފުލުހުން ނެރުނު ބަޔާނަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ބަޔާނެއް ނޫން ކަމަށެވެ. އަދި ހަމަނުޖެހުން އުފެއްދުމަކީ ޕީޕީއެމްގެ ސިފައެއް ނޫން ކަމަށާއި އެއީ އެމްޑީޕީގެ ސިފައެއް ކަމަށް ވެސް ބުނެފައިވެއެވެ.
"މި ޕާޓީއަކީ އެއް އިރެއްގައި ވެސް ހަމަނުޖެހުން ހިންގަން ނުވަތަ އެފަދަ ކަމަކަށް ފުރުސަތު ދޭނެ ޕާޓީއެއް ނޫންކަމުގައި ވެސް ދަންނަވަމެވެ. ތާރީހަށް ބަލާލުމުންވެސް އެފަދަ ކަންކަން ކުރަމުން ގެންދާ ބަޔަކީ މިވަގުތު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ކަން ދިވެހި އެންމެހާ ރައްޔިތުން ހެކިވާނެއެވެ." ޕީޕީއެމުން ބުނެފައިވެއެވެ.
މީގެ އިތުރުން ވެހިކަލް ބުރު ހުއްޓުވުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށާއި އެކަމުގެ ސަބަބުން އެތައް ޒުވާނުންނަކާއި ވެހިކަލްތަކަށް ގެއްލުންވި ކަމަށް ވެސް ޕީޕީއެމްއިން ބުންޏެވެ.
އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން ބާއްވަން މަސައްކަތް ކުރި ވެހިކަލް ބުރާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ސައިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމަށެވެ.