17 Dec 2021, 19:39
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަން ކަމަށް މ. ސަނީކޯސްޓް، މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ހަމަޖައްސައިފިއެވެ.
ސެންކޯ ޝަރީފު މި މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން އެމްޕީއެލްގެ ޗެއާމަނަކަށް ހުރި އަހްމަދު ޒަކީ (ނަޒާކީ ޒަކީ) މިދިޔަ ނޮވެންބަރު މަހު އިސްތިފާ ދިނުމާ ގުޅިގެން އެ މަގާމު ހުސްވެފައިވަތީއެވެ. އެމްޕީއެލްގައި އަށް މިިލިއަން ރުފިޔާގެ ވައްކަމެއް ހިނގާފައިވާކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ނަޒާކީ ޒަކީ ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
އެމްޕީއެލްގެ ބޯޑު މެންބަރުކަން ކުރައްވަމުން ގެންދަވާ ސެންކޯ ޝަރިފު ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
ސެންކޯ ޝަރީފު ވަނީ ރާއްޖޭގެ ކުރީގެ ޝިޕިން ލައިން، އެމްއެންއެސްއެލްގެ ޗެއާމަންކަން 2008 ވަނަ އަހަރު ފުރުއަވާފައެވެ. އަދި މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުކަން 2005 އިން 2011 އަށް ވަނީ ކުރައްވަވާފައެވެ.
ސެންކޯ ޝަރީފު 1986 ވަނަ އަަހަރުން ފެށިގެން 2005 ވަނަ އަހާރާ ހަމައަށް އުޅުއްވީ ބޯޓު ދަތުރުކުރެއްވުމުގައެވެ. އަދި އޭނާއަކީ 1982 ވަނަ އަހަރުން ފެށިގެން ސެންކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފައުންޑަރު އަދި ޗެއާމަނެވެ.
މިހާރު އެމްޕީއެލްގެ ބޯޑުގައި ތިއްބަވާނީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲއާއި ޗެއާމަން މުހައްމަދު ޝަރީފުގެ އިތުރުން ބޯޑު މެންބަރުން ޖާދުﷲ ނާޒިމާއި އަހުމަދު ލައިޝަމް އަދި އިބްރާހިމް އާރިފެވެ.