17 Dec 2021, 18:50
އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވައިލައްވައިފިއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނުގެ ހަރަކާތްތަކަށް، ކ. ތުލުސްދޫއަށް ވަޑައިގެން މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާއަކީ އަވައްޓެރި، ރާއްޖޭގެ އެތައް ބޭނުންތަކެއް ފުއްދުމުގައި އެހީވަމުން އަންނަ ގައުމެއް ކަމަށެވެ.
އެހެންނަމަވެސް އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ގޮތަށް ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާން ޖެހޭނެ ސަބަބެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.
"އެއްގޮތަކަށް ވެސް މިއީ އެއް މީޒާނަކުން ކިރާލެވޭނެ ކަންކަމެއް ނޫން، އަޅުގަނޑުމެން ބޭހަށް ނުދެވޭ ކަމަށް ވަންޏާ ބޭހަށް ނުގޮސް ތިބޭނީ، އަޅުގަނޑުމެން އެހެން ގޮތްގޮތުން އަޅުގަނޑުމެންނަށް ބޭނުންވާ ކަންކަން ފުއްދޭތޯ ބަލާނީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް އެމްޑީޕީން މެންބަރުން ދައްކަވަނީ ވެސް ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. ހަމައެހެންމެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "އިންޑިއާ އައުޓެކޭ ނުބުނެވޭނެ" އޭ ވިދާޅުވުމާ ގުޅިގެން، ޔާމީން ވިދާޅުވީ އެހެން ނުބުނެވޭނެ ކަމަށެވެ.
"އިންޑިއާ އައުޓެކޭ ނުޖެހޭނެ، މިއީ ރައީސް ނަޝީދު ވިދާޅުވާ ވާހަކަ، މިހެނެއް ނުބުނެވޭނެ، ބުނަން ވާނީ އިންޑިއާ މިލިޓަރީ ބޭރުވާށޭ، އެހެންވީމަ އެމަނިކުފާނު ވެސް ގަބޫލުކުރައްވާ އިންޑިއާ މިލިޓަރީ ބޭރު ވާން ޖެހޭކަން، އެއީ ނޫންތޯ އެބުނި ވާހަކައަކީ،" ޔާމީން ވިދާޅުވިއެވެ.
އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ގިނަ ދިވެހިން ދެކޮޅު ހައްދަވާ ކަން ފާހަގަކުރައްވައި ޔާމީން ވަނީ އެކަމާ މެދު ދިވެހިން ބޭނުންވަނީ ކޮން ގޮތެއްތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވައިލައިފައެވެ.
"އެއް ބޭފުޅަކު އެބަ މަސައްކަތް ކުރައްވާ ނޫންތޯ ބަރުލަމާނީ ނިޒާމާ މެދު ރައްޔިތުންނަށް ފެންނަނީ ކޮން ގޮތެއްތޯ ބަލަން، އެހެންވީމަ ބަރުލަމާނީ ނިޒާމާ އެހެން ނިޒާމަކާ މިތަކަށް ގެނައުމުގެ ކުރިން އެބަ ބަލައިލަން ޖެހޭ އެބަ، ރައްޔިތުންގެ ވިސްނުމާ ރައްޔިތުން ޝުއޫރު އޮތީ އިންޑިއާގެ އަސްކަރިއްޔާ މިތާ އޮތުމުގަ ކޮން ގޮތަކަށްތޯ، އެހެންވީމަ މި ވޯޓު ނަގަންވީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ މި ވޯޓު ނެގުމުން މި ސަރުކާރަށް އޮތީ ކިހާ ތާއީދެއް ކަން ހާމަވާނެ ކަމަށާއި މިހާރު ވޯޓު ނަގައިފިނަމަ "ހަމަ ސައްޕު ޖަހައިފައި" އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރާނެ ކަމަށެވެ.