ދިވެހި ފުލުހުން މިހާރު ތިބީ ހަޖަމު ކުރުމަށް ޓަކައި ބޭނުން ކުރަން ޖެހޭ ބޭސް ބޯން ޖެހޭ ހާލަތުގައި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނުގެ ހަރަކާތްތަކަށް، ކ. ތުލުސްދޫއަށް ވަޑައިގެން މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުން ކުރަމުން އަންނަ ކެމްޕެއިނަށް ތާއީދު އޮތް މިންވަރު ވަރަށް ފުރިހަމައަށް ހާމަވެއްޖެކަމަށެވެ. ކެމްޕެއިނު ފުޅާކޮށް ހުރިހާ އަތޮޅެއްގައި ވެސް އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި އޮތުމަށް ދެކޮޅު ހަދާ ކަން ހާމަކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ހަމައެހެންމެ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހައި، ޑިމޮކްރަސީގެ ވާހަކަ ދައްކާ ބައެއް ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ މިހާރު އިއްވަމުން މިދަނީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ.

"މިހާރު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ ބާރޭ، އެ ބާރުގެ ޖޯޝު އަޅުގަނޑުމެންގެ އަޑުގަ މިހުރީ، ރައްޔިތުން ބޭނުމެއް ނުވޭ އިންޑިއާގެ އަސްކަރިއްޔާ މިތާގަ ތިބޭކަށް،" ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްއިން މިއަދު ހަވީރު މާލޭގައި ބާއްވަން އިންތިޒާމު ކުރި ސައިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ހުއްޓުވުމާ ގުޅިގެން ވެސް ރައީސް ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޔާމީން ވިދާޅުވީ ޒުވާނުންގެ ވެހިކަލް ބުރު ދިވެހި ފުލުހުންނަށް ހަޖަމެއް ނުކުރެވެނު ކަމަށާއި އެއީ މިހާރު ފުލުހުންގެ ހާލަތު ހުރި ގޮތް ކަމަށެވެ. އަދި ފުލުހުން ތިބީ ހަޖަމު ކުރަން ބޭސް ބޭނުން ކުރަން ޖެހޭ ހިސާބުގައި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"މި ހުންނާނެ ހަމަ ކޯލާ ފުޅިތަކަށް އަޅާފަ ހުރި ހަޖަމް ބޭސް، ފުލުހުން ވެސް މިހާރު ހީވަނީ ހަޖަމް ބޭސް ބޭނުން ކުރަން ޖެހޭ ކަންނޭނގެ، މިކަހަލަ ކަންކަމުގަ،" ޔާމީން ވިދާޅުވިއެވެ.

ފުލުހުން ހުރަސް އެޅިނަމަވެސް އިދިކޮޅުން ކުރަމުން އަންނަ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެ، އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ނުތިބެވޭނެ ކަމަށް ވިދާޅުވަމުން އަންނަ ވާހަކަ ޔާމީން ވަނީ މިއަދު ވެސް ތަކުރާރުކުރައްވައިފައެވެ.