ވޮޝިންގޓަން (މާޗް 7) : ސޫރިޔާގެ މައްސަލަ ކިތަންމެ ބޮޑުވިނަމަވެސް އެޤައުމުގެ ވެރިކަން ވައްޓާލުމަށް އެކަހެރި ގޮތެއްގައި ޢަސްކަރީ ފިޔަވަޅެއް ނާޅާނެ ކަމަށް އެމެރިކާ ބުނެފިއެވެ.

ރައީސް ބަރަކް އޮބާމާ ވިދާޅުވީ ސޫރިޔާއާ ދެކޮޅަށް އެކަހެރި ގޮތެއްގައި ޢަސްކަރީ ފިޔަވަޅެއް އެމެރިކާ އެޅުމަކީ އެކަމުގެ ނަތީޖާ ވަރަށް ގޯސްވެގެންދާނެ ކަމެއް ކަމުގައެވެ. އެމެރިކާ މަސައްކަތް ކުރަމުން ގެންދަނީ ސޫރިޔާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ދުނިޔޭގެ ޤައުމުތައް ނެރުމަށް ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.

އޮބާމާގެ ވާހަކަފުޅަށްފަހު ވައިޓް ހައުސްގެ ތަރްޖަމާން ޓޮމީ ފައިތޫރު ވެސްވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. ފައިތޫރު ވިދާޅުވީ ޑިޕްލޮމަސީއާއި ދަތިކުރުމުގެ ފިޔަވަޅުތަކުންނޫނީ ސޫރިޔާގެ ލޭއޮހޮރުވުން ހުއްޓުވޭނެ ކަމަށް އެމެރިކާ ޤަބޫލު ނުކުރާ ކަމަށާ އެމެރިކާ މިހާރުއެންމެ އިސްކަމެއް ދެނީ ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކޮރިޑޯތަކެއް އެޤައުމުގައި ޤާއިމް ކުރުމަށް ކަމުގައެވެ.

އަނެއްކޮޅުން ރަޝިޔާއިންވަނީ ސޫރިގެ މައްސަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް އެމެރިކާއާއި ހުޅަނގުން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. އެމެރިކާގެ ހަރުކަށި ޚިޔާލުގެ ސެނެޓަރެއް ކަމަށާއި ޖޯންމެކޭންވަނީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުން ހުއްޓުމުގެ ގޮތުން ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރު ވައްޓާލުމަށް ބާރުގެ ބޭނުންކުރުމަށް އެމެރިކާ ސަރުކާރަށް ގޮވާލައްވާފައެވެ.

ސޫރިޔާއަށް އެމެރިކާ ޢަސްކަރީ ގޮތުން ވަދެގެންފިނަމަ ޢިރާޤާއި އަފްޣާނިސްތާނުން ލިބުނު ގެއްލުމަށްވުރެ ބޮޑު ގެއްލުމަކާއި އިޤްތިސާދި އިނދަޖެހުމެއް އެމެރިކާއަށް ކުރިމަތިވާނެ ކަމަށްބުނެ ސޫރިޔާގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ މީޑިޔާއިންވަނީ އިންޒާރު ދީފައެވެ. -- ނޫސްއެޖެންސީތައް