އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ގޮތަށް، އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އެއްވެސް ދަރިވަރަކު އިއްޒުއްދީން ސްކޫލަށް ގެނެދެވޭކަށް ނެތް ކަމަށް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ބުނެފިއެވެ.

އަރަބިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އިއްޔެއެވެ.

އެކަމާ ގުޅިގެން މިއަދު އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ސްކޫލުގެ ހާލަތު ގޯސްވަމުންދާކަން 2018 ވަނަ އަހަރުން ފެށިގެން މިނިސްޓްރީއަށް އަންގަމުން ގޮސްފައިވާ ކަމަށެވެ.

ނަމަވެސް ބަޖެޓް ނެތް ކަމަށް ބުނެ މިއަދާ ހަމައަށްވެސް ސްކޫލުގެ މަރާމާތު ނުކުރުން އެއީ ގަސްދުގައި މިނިސްޓްރީން ވީ އިހުމާލެއް ކަމަށް ޕީޓީއޭއިން ބުންޏެވެ.

މީގެ އިތުރުން، އަރަބިއްޔާގެ ކުދިންނަށް ނުރައްކަލެއް ނެތް ކަމަށް މިދިޔަ މަހުގެ ފަހުކޮޅު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވިކަން އެ ބަޔާނުގައި ފާހަގަކުރިއެވެ. އަދި އެހެން ވިދާޅުވި ދުވަހުގެ ހަވީރު އެކަމަނާ ސްކޫލުގެ ޕީޓީއޭގެ އެކްސްކޯއާ ބައްދަލު ކުރެއްވި ކަމަށާއި ސްކޫލު އިމާރާތުގެ ހާލަތު ގޯސްވާތީ، އިއްޒުއްދީނަށް ކުދިން ބަދަލު ކުރުމަށް މިނިސްޓަރު ހުށަހެޅުއްވި ކަމަށް ބަޔާނުގައިވެއެވެ.

ނަމަވެސް އެކަމާ މެދު ވަކި ގޮތެއް ބުނަން އެނގޭނީ ބެލެނިވެރިންނާ ވާހަކަ ދެއްކުމަށްފަހުގައި ކަމަށް ޕީޓީއޭ އެކްސްކޯއިން މިނިސްޓަރު އަރިހުގައި ދެންނެވުމުން، ގޮތެއް ނިންމާނީ ބެލެނިވެރިން ވެސް އެދޭ ގޮތަށް ކަމަށް މިނިސްޓްރީން ބުނި ކަމަށް އަރަބިއްޔާ ބެލެނިވެރިން ބުންޏެވެ.

ނަމަވެސް، މިނިސްޓްރީގެ ބަހާ، އަމަލާ ދިމާ ނުވާ ކަމަށް ފާހަގަކޮށް އަރަބިއްޔާ ބެލެނިވެރިން ބުނީ، މިނިސްޓްރީން ކަންތައް ކުރީ ދިމާ އިދިކޮޅަށް ކަމަށެވެ.

ހަމައެއާއެކު، އިއްޒުއްދީނަށް އަރަބިއްޔާގެ ކުދިން ގެންގޮސްގެން ކިޔަވައިދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އަރަބިއްޔާގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ފުރިހަމަ އިއްތިފާގުން އެއްބަސްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"އެކަން އެހެން ކޮށްފިނަމަ ދަރިވަރުންގެ ކިޔެވުމަށާއި ސުލޫކަށާއި އެންމެހާ ކަންކަމަށް ބޮޑެތި ނުރައްކަލާއި، ފޫ ނުބެއްދޭ ވަރުގެ ގިނަގުނަ ގެއްލުންތައް ވާނެކަމަށް ބެލެނިވެރިންނަށް ޔަގީން ކުރެވޭ،" ޕީޓީއޭގެ ބަޔާނުގައި ފާހަގަކުރިއެވެ.

ޕީޓީއޭއިން ބުނީ، މާޒީގައި އަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ހިތި ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ހަމައެކަނި އޮތް ހައްލަކީ އެހެން ސްކޫލެއްގެ ދަރިވަރުން މަސްހުނި ނުވާ ގޮތަށް، އެހެން އިމާރާތެއްގައި ވަގުތީ ގޮތުން ވިޔަސް އަރަބިއްޔާ ކުދިންނަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ޕީޓީއޭއިން ބުންޏެވެ. އަދި މާލޭގެ އެހެން ސްކޫލުތަކުގެ ދަރިވަރުންނެކޭ އެއްގޮތަށް އަރަބިއްޔާގެ ދަރިވަރުންނަށްވެސް އެކަށީގެންވާ ދާއިމީ ބިމެއް، ރަސްމީ ލިޔެކިޔުމަކުން ދިނުމަށް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ޕީޓީއޭއިން ބުންޏެވެ.