މިއަދު ހެނދުނު މާލޭގެ ގޯޅިއެއްގައި ޒަހަމްވި ޒުވާނާއަށް އަނިޔާވީ އޭނާ ގެންގުޅުނު އެއްޗަކުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީގެ ކުރިން ބުނީ، ހެންވޭރު މެހެލީ ގޯޅީގެ ތެރޭގައި މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް މިއަދު ހެނދުނު މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން އެނގުނު ގޮތުގައި، އެ ޒުވާނާއަށް ލިބިފައިވާ އަނިޔާތަކަކީ މީހަކު ދިން ހަމަލާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫންކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އަދި އެ އަނިޔާއަކީ، އަނިޔާ ލިބުނު މީހާ ގެންގުޅުނު އެއްޗަކުން އެމީހާއަށް ލިބުނު އަނިޔާއެއް ކަމަށް ތަހުގީގަށް މިހާތަނަށް އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޭޑީކޭއިން ބުނީ އެ މީހާގެ ހާލަތާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.