17 Dec 2021, 16:25
ޕީޕީއެމްއިން މިއަދު ހަވީރު މާލޭގައި ބާއްވަން އިންތިޒާމު ކުރި ސައިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ފުލުުހުން އެ ސައިކަލް ބުރު ހުއްޓުވައިފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމަށެވެ.
އެހެންކަމުން، އެފަދަ ފުރުސަތެއް ނުދޭނެ ކަމަށާއި، ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ފަދަ ގޮތަކަށް އުޅަނދުބުރު ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެކަމަށް ފުލުހުން ބުންނެވެ.
"އާއްމު މަސްލަހަތު ހިމާޔަތްކޮށް، އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން، ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ދިވެހި ފުލުހުންގެ ގާނޫނީ ޒިންމާ ކަމުގައި ވީހިނދު، އާއްމު މަސްލަހަތު ގެއްލި، ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާނޭފަދަ ގޮތަކަށް އުޅަނދުބުރު ކުރިއަށް ގެންދިއުމުގެ ފުރުސަތު މި ހިދުމަތުން ނުދޭނެ ވާހަކަ ދަންނަވަން" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ޕީޕީއެމްއިން އެ ސައިކަލް ބުރު ބާއްވަން ތައްޔާރުވީ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިންނެވެ. އެ ކެމްޕޭން އަތޮޅުތެރެއަށް ފުޅާ ކުރުމަށް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއްޔެ ވަނި ފުރައިވަޑައިގެންފައެވެ.