17 Dec 2021, 16:05
ރަށްރަށުގައި އެއްގަމު އުޅަނދު ދުއްވޭނެ އަދަދު ކަނޑައަޅަން ކައުންސިލްތަކަށް ބާރުދީ، 'އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު' ގެޒެޓްކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު އާންމުކުރި ގަވާއިދުގައިވާ ގޮތުން، ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ ސަރަހައްދެއްގައި ނަމަ އެތަނެއްގައި މި ގަވާއިދު ހިންގާނީ މިނިސްޓްރީންނެވެ.
ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ގަވާއިދު ހިންގާނީ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުންނެވެ.
އެ ގަވާއިދުގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށާއި ދިރިނޫޅޭ ރަށްރަށުގައިވެސް އެއްގަމު އުޅަނދު ބޭނުންކުރެވޭ އެންމެ ދިގު މުއްދަތު ކަނޑައަޅަން ޖެހެއެވެ. އަދި ކުންފުނިތަކާއި ވިޔަފާރި ތަކާއި އާއްމު ފަރުދުންގެ އިތުރުން ދައުލަތުގެ އިދާރާއެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވޭ އެންމެ ގިނަ އުޅަނދު ކަނޑައަޅަން ވެސް ޖެހެއެވެ.
އެ ރަށެއްގައި އެއްގަމު އުޅަނދު ދުއްވޭނެ އެންމެ ގިނަ އަދަދު ކަނޑައަޅާތާ މަދުވެގެން ހަ މަސް ތެރޭގައި އެ ގަވާއިދަށް އަމަލު ކުރަން ޖެހޭނެއެވެ.
ހުރިހާ ރަށެއްގައިވެސް އެއްގަމު އުޅަނދު ދުއްވޭނެ އެންމެ ގިނަ އަދަދު ބަލާއިރު ކައުންސިލުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، ރަށެއްގެ އާބާދީއާއި އެތަނެއްގައި ބޭނުންކުރަމުންދާ އުޅަނދުގެ އަދަދުގެ އިތުރުން މަގުތަކާއި ޕާކު ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިނަށް ބަލަން ޖެހެއެވެ.
ސަރުކާރުގެ ގެޒެޓްގައި އެ ގަވާއިދު އާއްމު ކުރުމާއެކު ގަވާއިދަށް އަމަލު ކުރަން ފެށޭނެކަމަން ބަޔާން ކޮށްފައި އޮތުމުން، އިއްޔެއިން ފެށިގެން ރާއްޖޭގައި އެ ގަވާއިދަށް އަމަލު ކުރަން ވަނީ ފަށައިފައެވެ.