17 Dec 2021, 18:19
އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލަ ބަލިކޮށް ލިވަޕޫލުން ލީގު ތާރީހުގައި އެންމެ ފުރަތަމަ 2000 މޮޅު ހަމަކުރި ޓީމުގެ ރެކޯޑް ލިވަޕޫލުން ހަދައިފިއެވެ.
ލިވަޕޫލް ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުން މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއިންނެވެ. މި މޮޅާއެކު ލިވަޕޫލުން ވަނީ 40 ޕޮއިންޓާއެކު ތާވަލުގެ ގެވަނައިގައި ދަމަހައްޓާފައެވެ. އެއްވަނައިގައި ސިޓީ އޮތީ ލިވަޕޫލާ އެއް ޕޮއިންޓުގެ ފަރަގަގައެވެ. މިރޭ ޗެލްސީއާ އެވަޓަން ކުޅުން މެޗު އެއްވަރުވުމާއެކު ޗެލްސީ އިން ވަނީ ލީގުގެ ތިންވަނައިގައެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެދު ތެރޭގައި ބޯޅަ ހިފެެހެއްޓުމުގެ ބަދަލުގައި ދެ ޓީމުން ވެސް ދިޔައީ ލިބުނު ބޯޅަތަކުގައި އެޓޭކްކުރެވޭތޯ މަސައްކަތްކުރަމުންނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނެގީ ނިއުކާސަލް އިންނެވެ. އެޓީމަށް ގޯލު ކާމިޔާބުކޮށްދިނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއިން އުމުރުން 29 އަހަރުގެ ޖޮންޖޯ ޝެލްވޭއެވެ. ނިއުކާސަލުން ލީޑު ނެގުމާއެކު ލިވަޕޫލުން ކުޅުން ރަނގަޅުކޮށް ކައުންޓަ އެޓޭކްތަކުގެ ބޭނުން ހިފިއެވެ.
މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޑިއާގޯ ޖޮޓާ ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅައިންނެވެ. މިއީ ޖޮޓާ މި ސީޒަނުގައި މި ލީގުގައި ޖެހި ނުވަ ވަނަ ގޯލެވެ. އޭގެ ހަތަރު މިނިޓް ފަހުން ޝެލްވީ ހެދި ގޯހެއްގެ ފައިދާނަގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ވަނީ އެ ޓީމަށް ލީޑުނަގައިދީފައެވެ. މި ގޯލާއެކު އޭނާ ވަނީ މި ލީގުގައި 15 ގޯލު ޖަހާފައެވެ. ހަމައެހެންމެ މި ސީޒަނުގައި އޭނާ ވަނީ ޖުމުލަ 22 ގޯލު ޖަހާފައެވެ. ސަލާހު ވަނީ ޕަރިމިއާ ލީގުގައި އެތައް ރެކޯޑެއް މުގުރާލައިފައެވެ.
ފުރަތަމަ ހާފު ނިމުނުއިރު 1-2 ގެ ނަތީޖާގައި އޮތްއިރު ދެވަނަ ހާފުގައި ނިއުކާސަލުން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ހަމަލާތައް އުފެއްދިއެވެ. އެހެންނަމަވެސް ލިވަޕޫލްގެ ހުޝިޔާރު ގޯލު ކީޕަރު އެލިސަން ބެކާ ވަނީ އެހަމަލާތައް މަތަކޮށްފައެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ރޮބާޓޯ ފިރްމީނޯ ދިން ޕާހަކުން ގޯލު ކާމިޔާބު ކޮށްދިނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެލެކްސެންޑްރާ އާނޯޑެވެ.
މިރޭގެ މެޗުގައި ލިވަޕޫލްގެ ސްކޮޑުގައި އެޓީމުގެ ފުލް ބެކް ވާޖިލް ވެން ޑައިކް ކޮވިޑަށް ފައްސިވުމާ ގުޅިގެން ހިމެނިފައެއް ނުވެއެވެ.
މިރޭ ޗެލްސީއާ އެވަޓަން ކުޅުން މެޗު ނިމުނީ 1-1 އަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މިހާރު މި ލީގުގައި އެންމެ ވާދަވެރި ދެ ޓީމެއްގެ ގޮތުގައި އޮތީ ސިޓީ އާއި ލިވަޕޫލެވެ.