އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލުކުރި މައްސަލައާ އެލްޖީއޭއަށް ނުބެހެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.

މޭޔަރު މުއިއްޒު "ސަން"އަށް ވިދާޅުވީ އެލްޖީއޭ އަކީ ވަކި ގާނޫނީ ބާރުތަކެއް ލިބފައިވާ މުއައްސަސާއެއްކަމަށެވެ. ނަމަވެސް އެ އޮތޯރިޓީއަށް ކައުންސިލްތަކުގެ ނިންމުންތައް ބާތިލުކުރުމުގެ ގާނޫނީ ބާއްރެއް ނޯންނާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

"އެލްޖީއޭއިން އެކަހަލަ ނިންމުމެއް ނިންމި ނަމަ އެއީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ކުރުމަކީ ބާތިލް ނިންމުމެއް ކަމަކަށް އެލްޖީއޭއިން އަންގާފައިނުވާކަމަށްވެސް މުއްޒު ވިދާޅުވިއެވެ.

"އެބެފުޅުން [އެލްޖީއޭއިން] އަޅުގަނޑުމެންނަށް ފޮނުވި ސިޓީގައި ނުއެއްނެތް ބާތިލުކޮށްފީމެކޭ ދަންނަވާފައެއް. އެހެންނަމަވެސް އެބޭފޫޅުންގެ ސިޓީގައި މި އޮންނަނީ ތިމަންނަމެން ގަބޫލެއް ނުކުރަމޭ އެ ނިންމުމަކީ ކައުންސިލަށް ނިންމޭނެ ނިންމުމެއްކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

އެލްޖީއޭއިން އެ މައްސަލަ ބެލުމަށް އިންކުއަރީއެއް ހިންގާނެ ކަމަށް ބުނި ނަމަވެސް އެފަދަ އިންކުއަރީއެއް ހިންގުމަކީ އެ އޮތޯރިޓީއަށް ލިބިގެންވާ ބާރެއް ނޫންކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އަދި މިކަން މާލޭ ސިޓީ ކައުންސިލުގެ ގާނޫނީ ޓީމުން ބަލަމުންދާކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުން އިންތިހާބުކުރާ ކައުންސިލްތަކަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން، މަސައްކަތްކުރުމުގެ ބާރެއްދީފައިވާ ކައުންސިލްތަކަކަށްވާއިރު އެލްޖީއޭގެ ދައުރަކީ އެ ގާނޫނުގެ ތެރެއިން ދޭންޖެހޭ އިދާރީ އެހީތެރިކަން ދިނުމާއި ގަވާއިދުތަކާއި ގަނޫނު ތަކުގެ ތެރެއިން ކައުންސިލްތައް ހިނގާތޯ ބެލުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަންއަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

"ކައުންސިލްތަކުގެ ނިންމުން ބާތިލުކުރުމާއި ނިންމާ ނިންމުން ތިމަންނަމެންނަށް ކަމަކު ނުދެޔޭ ދެންނެވުމާއި ނުވަތަ ކަނޑައެޅުމާއި، މިކަންކަމަކީ ޗާޓުން ބޭރުންހިނގާ ކަންކަން ކަންނޭގެ،" މުއިއްޒު ވިދާޅުވިއެވެ.

އެލްޖީއޭއިން އެފަދައިން އަމަލުކުރާނަމަ ކައުންސިލްތަކުން ނިންމާ ނިންމުތައް އެންޑޯސް ކުރުމަށް އެ އޮތޯރިޓީއަށް ފޮނުވަން ފެންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލުކުރުމާ ގުޅިގެން އެ ކުންފުނިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެ މައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއްވެސް އެ ކޯޓުން ވަނީ ނެރެފައެވެ.