17 Dec 2021, 16:43
އަންވެއިލިން ވިޝަންސް މައުރަޒަށް ހުނަރުވެރި ކުރެހުންތެރިޔާ އައިޝަތު ސަޖިޔާން އަބްދުއްސައްތާރު (ޔާން)، ހުށައެޅި ކުރެހުން މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ބައްލަވައިގެންފިއެވެ.
އެމްއެންޕީގެ ސްޕޯކްސްޕާސަން އަސްރާ އަހުމަދު "ސަން"އަށް ވިދާޅުވީ މި ކުރެހުން ކާނަލް ނާޒިމް ބައްލަވައިގަތީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުނި (އާރްސީސީ)ން 30,000ހާ ރުފިޔާއަށް ކަމަށެވެ.

އެމްއެންޕީގެ ރައީސް ކާނަލް ރިޑަޔާޑް މުހައްމަދު ނާޒިމް ބައްލަވައިގަން ކުރެހުން ކައިރި ހުއްޓިލައިގެން --- ފޮޓޯ / އެމްއެންޕީ
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް މި ކުރެހުން ބައްލަވައިގަތީ އެ ކުރެހުމުގެ ފުރިހަމަ ކަމުން ކަމުގައި އަސްރާ ވިދާޅުވިއެވެ.
"އަސްލު ކުރެހުން ގަންނަން ޝައުގުވެރިވީ ކުރެހުމުގެ ފުރިހަމަ ކަމުންނާއި ރީތި ކަމުން،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ނާޒިމް އެ ކުރެހުން ބައްލަވައިގަތީ ޒުވާނުން ބާރުވެރި ކުރުވައި، މިފަދަ ހުނަރުތައް ހުރި ޒުވާނުންނަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށެވެ.

ކާނަލް ރިޑަޔާޑް މުހައްމަދު ނާޒިމް ބައްލަވައިގަންފައިވާ އިތުރު ކުރެހުމަކާއި އެކު --- ފޮޓޯ/ އެމްއެންޕީ
މީގެ އިތުރުން ނާޒިމް ވަނީ އަންވެއިލިން ވިޝަންސްއިން "ބިންދާލި ރާޅު"ގެ ނަން ދީފައިވާ ކުރެހުމެއް ވެސް ބައްލަވައިގެންފައެވެ. އެއީ އާޓިސްޓް އައިމިނަތު އަލްތާފް ޝަހީންގެ ކުރެހުމެކެވެ.