ނިމިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން އިތުރު 97 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން އަންމުކުރި ތަފާސް ހިސާބުތަކުގައި ވާ ގޮތުން މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 22 މީހުން އެކަންޏެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން 59 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ރިސޯޓުތަކުން 16 މީހުން ޕޮޒިޓިވް ވެފައިވާއިރު މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުން އަންނަނީ ވެސް 16 މީހަކަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދާ 2011 މީހުން އެބަ ތިއްބެވެ. މި ބަލިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 91،346 މީހުންނެވެ. ރާއްޖެއިން މި ބަލީގައި 259 ވަނީ ދުނިޔެ ދޫ ކޮށްފައެވެ.

މާލޭ ސަރަހައްދުން ނެގުނު 1،162 ސާމްޕަލްއާ އެކު މުޅި ރާއްޖެއިން ޖުމްލަ 4،191 ސާމްޕަލް ވަނީ ނަގާފައެވެ.

ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯންއަށް ރާއްޖޭން އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއްޔެ ވަނީ ބުނެފައެވެ.

އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އާ ވޭރިއަންޓަށް ޕޮޒިޓިވް ވީ ރާއްޖެއަށް އައި ހަތަރު ޓޫރިސްޓުން ކަމަށެވެ. އަދި އެ ހަތަރު މީހުންނަކީ ވެސް ސައުތު އެފްރިކާއަށް ދަތުރު ކޮށްފައިވާ މީހުން ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

އޮމިކްރޯންއަށް ރާއްޖޭން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. އޭނާއަށް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅެވެ.

މިކަމާ ގުޅިގެން ރިސްކު އެސެސްމެންޓްސް ހަދަމުން ދާއިރު އިތުރަށް އަޅަން ވީ ފިޔަވަޅު ތަކާއި މެދުގައި ވާހަކަ ދެކެވެމުން ދާ ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިތުރު ފިޔަވަޅުތަކެއް އަޅަން އެނގޭނީ މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފަހުގައި ކަމަށެވެ.