16 Dec 2021, 21:56
އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގައި ކިޔަވަމުން އަންނަ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އަރަބިއްޔާގެ 700އަށް ވުރެ ގިނަ ކުދިންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދެވޭނީ ސްކޫލެއް ހިންގުމަށް އިމާރާތް ކޮށްފައި ހުރި ތަނެއްގައި ކަމަށެވެ. އަދި އެފަދަ އިމާރާތަކީ ކިޔަވައިދިނުމަށް ހާއްސަކޮށް ފަރުމާ ކުރެވި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރެވިފައިވާ ތަނަކަށް ވާންޖެހޭ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެކަންކަމަށް ރިއާޔަތްކޮށް، އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން މިނިސްޓްރީން ވަނީ ނިންމައިފައެވެ. އަދި ހުޅުމާލޭގައި އިމާރާތް ކުރަމުން ދާ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަ ކުރުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މިއީ އަރަބިއްޔަ ސްކޫލުގެ އިމާރާތަށް މި ވަގުތު ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ. އެޑިއުކޭޝަނުން ބުނީ އެ މައްސަލަ ހައްލު ކުރަން އަދި ވަގުތު ނަގާނެ ކަމަށެވެ. ހަމައެހެންމެ، އެ އިމާރާތް މަރާމާތު ކުރަންވީ ގޮތުގެ ތަފްސީލު އެނގޭނީ ސްޓްރަކްޗަރަލް އެސެސްމެންޓު ނިމުމުން ކަމަށާއި އެއަށްފަހު، އޭގެ ރިކޮމެންޑޭޝަންއާ އެއްގޮތަށް އެ އިމާރާތުގެ މައްސަލަ ހައްލު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.
އަދި މި އިމާރާތް އަބަދުވެސް އަރަބިއްޔާއަށް ހާއްސަ ކުރެވިފައި ހުންނާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
އަރަބިއްޔާ ސުކޫލުގެ އިމާރާތުގައި ރެނދުލައި، އެތަން ވީރާނާވަމުން ދާތީ އެ ސުކޫލުގެ ބެލެނިވެރިން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މީސްމީޑިއާގައި ބައެެއް ދީނީ އިލްމުވެރިން ވެސް ވަނީ މިކަމާ ނުރުހުން ފާޅުކުރައްވައިފައެވެ.
އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމްއަށް ކިޔަވައި ދޭ ހަމައެކަނި ސްކޫލެވެ. މި ސްކޫލުގައި ހަދައި އިމްތިހާނުތަކަކީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން ގަބޫލުކުރާ އިމްތިހާނުތަކެކެވެ.