ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުނަށް ވަޅިން ބިރުދައްކާ، ހަމަލާދީ، ޕޮލިސް ސްޓޭޝަންތަކަށް ހަމަލާދިނުމަށްފަހު ފުލުހުންގެ ވެހިކަލްތަކަށް ގެއްލުން ދީފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ޓްރެފިކް ގަވާއިދާއި ޚިލާފަށް ޓްރެފިކްލައިޓްތަކަށް މަޑުނުކޮށް، ބަރުގޮނު އަޅަމުން ސައިކަލްދުއްވި ބަޔަކު އަމީނީ މަގު ޓްރެފިކް ޕޮލިހަށް ވަދެ އެތާގެ ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޓްރެފިކް ޕޮލިހަށް ވަދެ އެތާނގެ ކޮންޕިއުޓާ ސިސްޓަމެއް ބިއްންމައްޗަށް ވައްޓާލުމަށްފަހު ގެއްލުންދީފައިވާ ކަމަށާއި ވަޅި ހިފައިގެން އިސްކަންދަރު ބިލްޑިންގަށް ވަދެ ފުލުހުންނަށް ބިރުދެއްކުމުގެ އިތުރުން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބިއްލޫރި ގަނޑެއް ވެސް ތަޅާލާފައިވާ ކަމަށެވެ.

"ރޭ ދަންވަރު ބަޔަކު ޓްރެފިކް ޕޮލިހަށް ވަދެ އެތާނގެ ކޮންޕިއުޓާ ސިސްޓަމެއް ބިންމައްޗަށް ވައްޓާލުމަށްފަހު ގެއްލުންދީފައިވޭ. ވަޅި ހިފައިގެން އިސްކަންދަރު ބިލްޑިންގަށް ވަދެ ފުލުހުންނަށް ބިރުދެއްކާފައި ވޭ. އަދި ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބިއްލޫރި ގަނޑެއް ވެސް ތަޅާލާފައި ވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މީގެއިތުރުން ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރުކޮޅު ސަރަހައްދުން ދިޔަ ފުލުހުންގެ ވެހިކަލަކަށް ބަޔަކު ހަމަލާދިނުމަށް ފަހު ރާޅުގަނޑު ސަރަހައްދަށް ވަން ބަޔަކު ވެސް ރޭ ފުލުހުން ހައްޔަރުކުރި އެވެ. އެމީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގާފައިވެއެވެ.

އެ ހަމަނުޖެހުންތަކާއި ގުޅިގެން 13 މީހަކު ރޭ ފުލުހުން ހައްޔަރުކޮށް އިތުރު ބަޔަކު ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

"ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރުކޮޅު ސަރަހައްދުން ދިޔަ ފުލުހުންގެ ވެހިކަލަކަށް ބަޔަކު ގެއްލުންދިނުމަށް ފަހު ރާޅުގަނޑު ސަރަހައްދަށް ވަނުމުން އެ ސަރަހައްދަށް ވަތް މީހުންގެ ތެރެއިން 13 މީހަކު ފުލުހުން ހައްޔަރު ކުރި. އެކަމާއި ގުޅިގެން އިތުރު ބަޔަކު ހައްޔަރުކުރުމުގެ މަސައްކަތް ފުލުނުން ކުރަމުން މިދަނީ. ރާޅުގަނޑު ސަރަހައްދުގައި ބަޔަކު ވަނީ ފުލުހުންނާއި ކުރިމަތިލާ މާރާ މާރީ ވެސް ހިންގާފަ،" އޮފިޝަލް ވިދާޅުވި އެވެ.

ފަހަކަށް އައިސް ފުލުހުންނަށް ހަމަލާދީ ފުލުހުންގެ އަމިއްލަ ސައިކަލްތަކަށް ގެއްލުންދިނުން ވަނީ އާންމުކަމަކަށް ވެފައެވެ. މިމަހުގެ އެއްވަނަ ދުވަހު ވެސް މާލޭ ސިޓީ ކައުންސިލް ކުރިމަތިން ސައިކަލެއްގައި ދިޔަ ދެ ފުލުހަކަށް ހަމަލާދީ، ސައިކަލްގައި ރޯކޮށްލި އެވެ.

އެ މައްސައިގެ ތުހުމަތަށް ފުލުހުން ހޯދަމުން ދިޔަ ހ. ރެދަން، ފަވާޒް ކަޅުތުއްތު ވަނީ ފުލުހުންނާއި އަމިއްލައަށް ހަވާލުވެފަ އެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ވަނީ ހެންވޭރު މުސްތަރީ މަގުގައި ބަހައްޓާފައި ހުރި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލާފަ އެވެ. އެ ސައިކަލުގައި ރޯކޮށްލި ކަމަށް ޝައްކު ކުރެވޭ މީހާ ފުލުހުން ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ.