16 Dec 2021, 19:08
ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލު ކުރި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސިޓީ ކައުންސިލްގެ އެ ނިންމުމާ ގުޅިގެން އެޗްޑީސީން އެ ކޯޓަށް ހުށަހަޅައިފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ނިމެންދެން ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.
އެ އަމުރުގައި ބުނެފައިވަނީ އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން ލިބިފައިވާ އެންމެހާ ގާނޫނީ ހައްގުތަކާއި ބިމާ ގުޅިގެން ކުރަމުން އައި އެންމެހާ ކަންކަމާއި، ހުޅުމާލެ ތަރައްގީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުން އައި ކަންކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އެ އަމުރުގައި ވަނީ އަންގާފައެވެ.
މީގެ އިތުރުން، އެފަދަ ކަމެއް ކުރަމުންދާ ނަމަ އެކަން ހުއްޓުވައިދިނުމަށް ދައުލަތުގެ އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު ތަރައްގީކޮށް ފްލެޓް އަޅައި ތަރައްގީގެ މަޝްރޫތައް ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވަނީ މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރު ކަމުގެ ދަށުން ހައުސިން މިނިސްޓްރީންނެވެ. އޭގެ ކުރިން ހުޅުމާލެ ފުރަތަމަ ފިޔަވަހި ވެސް އޮތީ އެ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.
ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ގެނައުމަށް ފާސްކޮށްފައިމިވަނީ, އެޗްޑީސީގެ ހުއްދަ ނުހޯދާ ޕީޕީއެމް ޖަލްސާއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމި މައްސަލަ ފެންމަތިވެ، އެޗްޑީސީއާއި ސިޓީ ކައުންސިލުން ދެބަސްވެފައިވާ ދަނޑިވަޅެއްގައެވެ.
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ މާލޭ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވެސް ވަނީ ނިންމައިފައެވެ.