07 Mar 2012, 09:50
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު އެ ކުންފުނިން މިއަދު ބޮޑުކޮށްފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯއިން މިއަދު ވަނީ ޕެޓްރޯލާއި ޑީސަލް ލީޓަރަކުން 65 ލާރި ބޮޑުކޮށްފަ އެވެ.
އެގޮތުން ކުރިން 15.03ރ. އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ މިހާރު ވިއްކަނީ 15.68ރ. އަށެވެ. އަދި 15.02ރ. އަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 15.67ރ. އެވެ.
އެ ކުންފުނިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ބޮޑުވުމުން ކަމަށެވެ. ތެލުގެ އަގަށް އެސްޓީއޯއިން އެންމެ ފަހުން ބަދަލުގެނެސްފައި ވަނީ ތެލުގެ ޑިއުޓީ މާފުވުމާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެދުވަހު ޑީސަލް ލީޓަރެއްގެ އަގުން 62 ލާރި އަގު ހެޔޮކުރި އިރު ޕެޓްރޯލް ލީޓަރެއްގެ އަގުން 1 ރުފިޔާ 17 ލާރި އަގުހެޔޮކުރި އެވެ.
ދުނިޔޭގެ އިގުތިސާދު ރަނގަޅުވާން ފެށުމާއި އެކު ހުޅަނގާ އީރާނާ ދެމެދު ހިނގަމުންދާ ކޯޅުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ.