ކުއާލަލަންޕޫރު (ޑިސެންބަރު 16): ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް މެލޭޝިޔާއިން ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިފިޔަވަޅުތަކުގެ ތެރޭގައި ގިނަބަޔަކު އެއްތަނަކަށް އެއްވެ އުޅުން މަނާކުރުމާއި އެކިއެކި ހަފްލާތަކާއި މުބާރާތްތަކާ ބޭއްވުން މަނާކުރުން ހިމެނެއެވެ. މީގެއިތުރުން ކޮވިޑް-19ގެ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމާއި އޮމިކްރޯން އެންމެ ބޮޑަށް ފެތުރިފައިވާ އަށް ގައުމުން އަންނަމީހުން މެލޭޝިއާއަށް އެތެރެނުވެވޭގޮތް ހެދުމާއި ކޮވިޑްގެ ދެ ޑޯޒު ފުރިހަމަކޮށްފައިވީނަމަވެސް އިތުރު ނުވަ ގައުމަކުން އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

މެލޭޝިއާއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ދާދިފަހަކާ ޖެހެންދެން ވަރަށް ފަހަތުގައި އުޅުނު ގައުމެވެ. ޚާއްސަކޮށް ކޮވިޑްގެ ޑެލްޓާ ވޭރިއަންޓާއެކު މިއަހަރުގެ ކުރިކޮޅާއި މިއަހަރުގެ މެދުތެރޭގައި އެގައުމު އިނދަޖެހިގެން ދިޔައެވެ.

މެލޭޝިޔާއިންވަނީ އޮމިކްރޯންވެސް ފެނިފައެވެ. މެލޭޝިޔާގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން އެގައުމުން އޮމިކްރޯންގެ ދެކޭސް ފެނިފައިވާއިރު އިތުރު ކޭސްތައް އުޅޭނެކަމަށް ބެލެވެއެވެ. އެކަން އެނގޭނީ ޓެސްޓްކުރެވޭ މިންރަކުންނެވެ. ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އެޅީ އޮމިކްރޯން ފެތުރިދާނެކަމުގެ ބިރަށެވެ.

މެލޭޝިޔާގައި ބޫސްޓާ ޑޯޒް ޖަހަން އަންގާފައިވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި ޗައިނާގައި އުފައްދާފައިވާ ސިނޮވެކް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށެވެ. މިފަދަ މީހުން އަންނަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ބޫސްޓާ ޑޯޒު ޖަހަންޖެހޭނެއެވެ.

މެލޭޝިއާގައި ކޮވިޑް ވެކްސިން ޖަހަންޖެހޭ އުމުރުފުރާގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މީހުން މިހާރުވަނީ އޭގެ ދެޑޯޒު ފުރިހަމަކޮށްފައެވެ. މިއާއެކު އެގައުމުގައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އޮމިކްރޯން ޖެހޭމީހުންނަށް ވެކްސިންގެ އަސަރު ކުރާމިންވަރު ކުޑަކަމަށް ބެލެވޭތީ އޮމިކްރޯން ބާރުމިނެއްގައި ފެތުރިދާނެކަމުގެ ކަންބޮޑުވުން މެލޭޝިއާގެ ސިއްހަތާބެހޭ އިދާރާތަކުން ގެންދަނީ ފާޅުކުރަމުންނެވެ.