ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 119 ކިލޯ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ޓެކްސީއެއްގެ ޑިކީ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، މިހާތަނަށް 119 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދު، 29، އެެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 14 ދުވަސް ޖަހައިފައެވެ.

ފުލުހުން މިއަދު ބުނީ, 119 ކިލޯ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރިކޮށްދީފައިވާ ކަމަށެވެ. އެއީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޓެކްސީއެއްގެ އިތުރުން މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލް ބަލައިފާސްކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ޓެކްސީގެ ޑިކީ ތެރެއިންނެވެ. އަދި ޕްރައިވެޓް ކާރާއި ސައިކަލެއްގެ މަޑި ދަށުން ވެސް ވަނީ މަސްތުވާތަކެތި ފެނިފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މުޖާހިދަކީ މަސްތުވާތަކެތީގެ ނެޓްވޯކެއްގެ ތެރެއިން ފުލުހުން މީގެ ކުރިން އަތުލައިގަތް، އަދި އެ ނެޓްވޯކްގެ ބޮޑު މީހާ ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ހާލިދުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ އިސް ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ހުކުމް ކޮށްފައެވެ.