16 Dec 2021, 14:35
މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން، އެ ގުރުއަތު އަލުން ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭގެ 10 ސަރަހައްދަކުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 965 މީހަކު ޕާކިން ސްލޮޓަށް ކުރިމަތިލައިފައިވެއެވެ. ގުރުއަތު ނެގުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފައެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ ގުރުއަތު ނެގުމުގައި މައްސަލަތަކެއް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމާ ގުޅިގެން އަލުން ގުރުއަތު ނަގަން ސިޓީ ކައުންސިލުން ނިންމައިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ނިންމާފަ އޮންނާނީ އަލުން ގުރުއަތު ލާން، އެއީ އަޅުގަނޑުމެންނަށް ވެސް ހަމަ އެބަ ގަބޫލުކުރެވޭ އެބަ ހުރިކަން މައްސަލަތަކެއް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގުރުއަތު ނެގުމުގައި ކައުންސިލަށް ވެސް ފާހަގަވީ، އަދި އޭސީސީން ވެސް ފާހަގަކުރީ އިދާރީ މައްސަލަތަކެއް ހުރި ކަމަށެވެ. ގުރު ނެގުމުގައި ކޮރަޕްޝަންގެ މައްސަލައެއް ހުރިކަމަށް އޭސީސީން ފާހަގަކޮށްފައިނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެ ބޭފުޅުން [އޭސީސީން] ކޮރަޕްޝަންގެ މައްސަލައެއް އެއްވެސް ގޮތަކަށް ފާހަގައެއް ނުކުރޭ، އެ ބޭފުޅުން އެބައިން ސިޓީއެއް ފޮނުއްވާފަ، އެހެންވީމަ އެ ބޭފުޅުން އެދެނީ އަލުން ގުރުއަތު ލާން، މި މައްސަލަތައް ރަނގަޅު ކުރުމަށްފަހު،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ގުރުއަތު ނެގުމުގައި ހެދިފައި ހުރި ބައެއް ގޯސްތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ކުރީން ބަރާބަރަށް ފައިސާ ދައްކަމުން އައި ބައެއް ޕާކިން ސްލޮޓުތަކުގެ ވެރިންނަށް، އޮޓޮމެޓިކުން ޖާގަ ލިބޭ ގޮތަށް އޮތް ނަމަވެސް އެ މީހުންގެ ނަންބަރުތައް ވެސް ގުރުއަތުގައި ހިމެނުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ ފުރަތަމަ ދޫކުރި ސްލިޕްތަކުގައި ސްލިޕް ނަންބަރު ޖެހިފައި ނުވާ ކަމަށާއި އެހެންނަމަވެސް ސިޓީ ކައުންސިލުން ފޯމު ބަލައިގަތުމަށްފަހު އެކައުންޓު ފޮތުގައި ސްލިޕް ނަންބަރު ނޯޓު ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޕާކިން ސްލޮޓުގެ ގުރުއަތާ ގުޅިގެން އެންމެ ގިނަ ބަޔަކު ފާޅުކުރި ކަންބޮޑުވުމަކީ ވެސް އެމީހުންނަށް ދޫކުރި ސްލިޕުގައި ސްލިޕް ނަންބަރު ނެތުމެވެ.
"ނަންބަރުތައް ނެތިގެން ދިމާވި އިދާރީ މައްސަލައަކީ ވަރަށް ބޮޑު އިދާރީ މައްސަލައެއް، ދެން އެކަން ރަނގަޅުކުރުމަށް ޓަކައި އަސްލު ކުރަން ޖެހޭނެ ކަމަކީ ފުރަތަމަ ނެރެން ޖެހޭނެ ލިސްޓު، ފުލް ލިސްޓު. އެ ލިސްޓުގަ ހުންނާނެ ހުރިހާ އެންމެންގެ ނަންބަރުތައް، ދެން މިކޮޅުން ފުލް ލިސްޓު ވެސް ނެރެވުނީ ހޮވުނު މީހުންގެ ލިސްޓާ އެކީގަ،" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ގުރުއަތު ނަގާތަން ލައިވް ކުރުމުގެ އިތުރުން ގުރުއަތު ނަގަން ފޯމު ލީ މީހުންގެ ހާޒިރުގައި އެކަން ކުރުން މުހިންމު ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ދެން ނަގާ ގުރުއަތުގައި މި މައްސަލަތައް ދިމާނުވާނެ ކަމަށެވެ.