07 Mar 2012, 09:40
މިދިޔަ ބުރާސްފަތި ދުވަހު މިއަހަރަށް މަޖިލިސް ހުޅުވާދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުމާއި ގުޅިގެން އެދުވަހުގެ ޖަލްސާ ތަޣައްޔަރުވެ ހަމަނުޖެހުން އުފެދި މަޖިލިހުގެ ތާރީހުގައި ވެސް ނުދެކޭ ފަދަ ހަޑިހިތުރު އަމަލުތަކެއް ފެނިގެން ދިއުމަށް ފަހު މަޖިލިސްވަނީ ނުފެށިއެވެ.
ފުރަތަމަ ޖަލްސާ ބޭއްވުމަށް މަސައްކަތް ފެށުމުގެ ކުރިން ވެސް ތަކުރާރުކޮށް އެމްޑީޕީން ބުނަމުން ގެންދަނީ ރައީސް ޑރ. ވަހީދުގެ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި އެމަނިކުފާނަށް މަޖިލީހަށް ވަޑައިގެން ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު އެޕާޓީން ނުދެއްވާނެ ކަމަށެވެ.
މަޖިލީސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ރައީސް ޑރ. ވަހީދަށް ދެއްވައިފިނަމަ މުޅިމަޖިލިސް ތަޣައްޔަރުވެގެން ދާނެ ކަމަށްބުނެ އެދުވަހުވަނީ މަޖިލިސް 10 ގަޑިއިރު މެދުކެނޑުމެއްނެތި ހުއްޓުވާފަ އެވެ.
ތަކުރާރުކޮށް އެމްޑީޕީން މިހެން ބުނަމުން ގެންދަނިކޮށް، ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ބޭއްވޭތޯ މަޖިލީހުން މިވަނީ މަސައްކަތްތަކެއް ފަށަން ތައްޔާރުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ވިދާޅުވެފައި ވަނީ މަޖިލީސް ހުޅުވަމަށް ބާއްވާ ޖަލްސާ ބޭއްވޭނެ ގޮތެއްވޭތޯ ބެލުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީ އާއި މަޝްވަރާކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
މަޖިލީސް ހުޅުވުމުގެ ގޮތުން ރައީސް ޑރ. ވަހީދަށް ރިޔާސީ ބަޔާން އިއްވިޔަ ނުދެއްވާނެކަމަށް އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް އެކަންކުރެވޭތޯ އެމްޑީޕީއާއި މަޝްވަރާކުރަން ނިންމީ އެވެ. ފުރަތަމަ ފަހަރަށް ބާއްވަން މަސައްކަތްކުރި ޖަލްސާ ނުބޭއްވުނަސް ދެވަނަ ފަހަރަށް ޖަލްސާ ބޭއްވޭތޯ މަސައްކަތް ފެށީ އެވެ. އެ މަޝްވަރާތަކުން ޖަލްސާ ބޭއްވުމަށް މަގުފަހިވެގެން ހިނގައިދާނެތޯ؟ މިއީ މިއަދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ ރިޔާސީ ބަޔާން އިއްވިޔަ ނުދިނުމަށްޓަކައި މަޖިލީހުގެ ޖަލްސާ ހުއްޓުވުނީތީ އެމްޑީޕީގެ ބައެއް މެންބަރުން މިހާރު އެކަމާއި ހިތާމަކޮށް އޭނާ ކައިރީވެސް އެ ވާހަކަ ދައްކާފައިވާ ކަމަށެވެ.
މައުސޫމް ވިދާޅުވިގޮތުގައި މަޝްވަރާ ކުރުމަކީ އިސްކަންދޭންޖެހޭނެ ކަމެއް ކަމަށެވެ. މަޝްވަރާކޮށްގެން އެކަމަށް އެދެވޭ ހައްލެއް ހޯދިދާނެކަމަށް ގަބޫލު ކުރެވޭކަމަށް ވެސް މައުސޫމް ވަނީ ވިދާޅުވެފަ އެވެ.
"މަޝްވަރާކުރުމަކީ ކުރިއަށް އިސްކަންދޭންޖެހޭނެ ކަމެއް. މަޝްވަރާކޮށްގެން އެކަމަށް ހައްލެއް ހޯދިދާނެ ކަމަށް ގަބޫލު ކުރެވޭ،" މައުސޫމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވިގޮތުގައި އެއްވެސްކަމެއްގައި މިހާތަނަށް އެމްޑީޕީ އާއި އެކީ ކުރި މަޝްވަރާއެއް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން އެމްޑީޕީއާއި އެކީ މަޝްވަރާ ކުރިއަސް މާބޮޑު ކާމިޔާބީއެއް ލިބިދާނެކަމަށް ނުބެލެވެ އެވެ.
"މިހާތަނަށް އެމްޑީޕީއާއި އެކު ކުރި އެއްވެސް މަޝްވަރާއެއް ކަމިޔާބުވެފައި ނެތް. އެހެންވީމާ މަޖިލީހުގެ ޖަލްސާ ބޭއްވުމާއި މެދު އެމްޑީޕީ އާއި އެކު މަޝްވަރާއެއް ކުރިއަސް މާބޮޑު ކާމިޔާބީއެއް ލިބިދާނެ ކަމަށްގަބޫލެއް ނުކުރެވޭ،" އަލީ އާރިފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ވިދާޅުވި ގޮތުގައި އެމްޑީޕީ އާއި އެކީ ކިތަންމެ މަޝްވަރާތަކެއް ކުރިނަމަވެސް މި ސަރުކާރަކީ "ޣައިރުގާނޫނީ ސަރުކާރެއް" ކަމަށް އެމްޑީޕީން ބުނާހާ ހިނދަކު އެމްޑީޕީއާއި އެކު ކުރާ މަޝްވަރާއެއް ކާމިޔާބެއް ނުވާނެ އެވެ. އޭނާ ވިދާޅުވާގޮތުގައި އެމްޑީޕީ އާއި އެކު މަޝްވަރާ ކުރުމުގެ ބޭނުމެއް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވިގޮތުގައި މަޖިލީހުގެ މޮޓޯއަކީވެސް މަޝްވަރާކޮށްގެން ކަންތައްތައް ކުރުން ކަމަށާއި އެހެންކަމުން މަޖިލީހުން އެކަމުގައި މަޝްވަރާކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. އަދި ޚިޔާލުތަފާތުވާ ކޮންމެ ފަހަރަކު މަޝްވަރާ ކުރުމަކީ އޭގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.
"ޚިޔާލުތަފާތުވާ ކޮންމެ ފަހަރަކު މަޝްވަރާ ކުރަން ޖެހޭނެ. މަޖިލީހުގެ މޮޓޯއަކީ ވެސް މަޝްވަރާކުރުން. މަޝްވަރާކޮށްގެން ކުރިއެރުންތަކެއް ހޯދިދާނެ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ނާޒިމް ރަޝާދު ވިދާޅުވިގޮތުގައި ޚިޔާލުތަފާތުވާ ކޮންމެ ކަމެއްގައި ވެސް މަޝްވަރާ ކުރަން ޖެހޭނެ ކަމަށާއި އެމްޑީޕީ އާއި އެކު މަޝްވަރާކޮށްގެން އެކަމަށް ހައްލުވެސް ހޯދޭނެ ކަމަށެވެ.