16 Dec 2021, 02:52
ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާނަމަ، ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ވިސާގައި ރާއްޖެ އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އުސޫލު ބަދަލުކޮށްފިއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު އޭރު ގޯސްވުމުން، ސަރުކާރުން ވަނީ އެ ގައުމުތަކުން، ރާއްޖެ އައުން މަނާ ކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު ބަޔާނެއްގައި ވޯކް ޕާމިޓާއިއެކު ދެކުނު އޭޝިއާއިން ރާއްޖެއަށް ދަތުރުކުރާ ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައި ނުވާ މީހުން އެޗްޕީއޭއިން ކަނޑައަޅާ ފެސިލިޓީއެއްގައި ކަރަންޓީނުވުމަށް އެންގި އެންގުން އުވާލައިފައިވާކަން ވަނީ އަންގާފައެވެ.
އުސޫލު ބަދަލު ގެނައި ކަމުގައި ވިޔަސް، އެ ގައުމުތަކުން އަންނަ ކޮވިޑްގެ ވެކްސިން ފުރިހަމަ ނުކުރާ މީހުން ކަރަންޓީނުވާން ޖެހޭނެއެވެ. ނަމވެސް ސަރުކާރުން އެ މީހުން ކަރަންޓީނުވާނެ ތަނެއް ހަމަޖައްސައެއް ނުދޭނެއެވެ.
އެޗްޕީއޭގެ ބަޔާނުގައި ވަނީ، ކުރިން ސަރުކާރުން އެ ފަރާތްތައް ކަރަންޓީނުވުމަށް ސަރުކާރުން ތަނެއް ހަމަޖައްސައިދިން ނަމަވެސް މީގެފަހުން ވޯކް ޕާމިޓްގައި ގެންނަ މީހުން ކަރަންޓީނު ވާނެ ތަނެއް ހޯދައިދޭންޖެހޭނީ އެ މީހުން ރާއްޖެ ގެންނަ ފަރާތުންނެވެ. އަދި އެ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ ކަރަންޓީނުގައި 14 ދުވަސް ފުރިހަމަކޮށް ކޮވިޑް-19 އަށް ޓެސްޓުކޮށް، އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.
ދެކުނު އޭޝިއާއިން ރާއްޖެއަށް ދަތުރުކުރާ ވާރކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާ ފެސިލިޓީއެއްގައި ކަރަންޓީނުވުމަށް އެންގި އެންގުމަށް ބަދަލުގެނައުން:https://t.co/xmyh1obSbO
— Health Protection Agency (@HPA_MV)December 15, 2021
މީގެ އިތުރުން، އެފަދަ މީހުން ރާއްޖެ އައުމުގެ މަދުވެގެން އެއް ދުވަސް ކުރިން އެޗްޕީއޭއަށް އެންގުން ވަނީ މި އުސޫލުގެ ދަށުން ލާޒިމް ކޮށްފައެވެ.
އެޗްޕީއޭއިން މި އުސޫލަށް ބަދަލު ގެނެސް ލުއިތަކެއް ދީފައިމިވަނީ، ކޮވިޑް-19ގެ އައު ވޭރިއަންޓެއް ފެނިފައިވަނިކޮށެވެ.
އޮމިކްރޯން ވޭރިއަންޓަކީ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުއިކަމާއެކު ފެތުރޭ އަދި އެއަށް ވެކްސިންގެ އަސަރުކުރާ މިންވަރު ދަށް ވޭރިއަންޓެއްކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ބުނެފައެވެ.
އޮމިކްރޯން އަކީ ކޮވިޑް ވެކްސިންގެ އަސަރު އެއަށްކުރާ މިންވަރުކުޑަ ނުވަތަ ވެކްސިންއަށް އެހާބޮޑަށް ރެސްޕޮންސް ނުކުރާ ވޭރިއަންޓެއް ކަމަށް ބެލެވިފައިވީ ނަމަވެސް އެކަމާބެހޭގޮތުން ސައިންސްވެރިން ކުރާ ދިރާސާތަކުގެ ފުރިހަމަ ނަތީޖާ އަދި ނުނެރެވޭކަމަށް އިލްމީ ރިޕޯޓްތައް ބުނެއެވެ.
އޮމިކްރޯން ފެތުރޭލެއް އެހެން ވޭރިއަންޓްތަކަށްވުރެ ހަލުއިވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި އަދި ވެކްސިންގެ ސަބަބުން އުފެދިފައިވާ ދިފާއީ ނިޒާމުގެ ތެރެއިން އެވޭރިއަންޓް ބަލިކޮށްނުލެވޭތީކަން ނޫނީ ގައިން ގަޔަށް އެރުމުގެ ގާބިލްކަން އެވޭރިއަންޓްގައި އިތުރުވުމުގެ ސަބަބުންކަން އަދި އިލްމީގޮތުން އަދި ކަށަވަރު ވެފައެއް ނުވެއެވެ.
ނަމަވެސް މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބަލާއިރު ކޮވިޑުން ދިފާއުވުމަށް މިހާރު ޖަހަމުން އަންނަ ވެކްސިންތަކުގެ ބާރު ދަށް ކޮށްލުމުގެ ގާބިލްކަން، ކޮންމެވެސް ވަރަކަށް އޮމިކްރޯން ވޭރިއަންޓަށް ލިބިފައިވާކަމަށް ސައިންސްވެރިން ކަށަވަރުކޮށް ދެއެވެ.